
ކަރައްޔެ ކަޅުތުއްތުދީދީ ލިޔުއްވާފައިވާ ފުވައްމުލަކު އެތެރެވެށި އަސްލަކަށް ބަލައިގެން ލިޔެފައިވާ ގަދީމީ ފުވައްމުލަކުގެ ވާހަކަ (2)
އޮށަނިގަހަކީ ހައްދަން މަސައްކަތެއް ނުކުރިއަސް އަމިއްލަޔަކަށް ފަޅައިގެން ހެދޭގަހެކެވެ. މިއީ ސިނގިރޭޓް އަނބުރަން ބޭނުންކުރާ ދުންފަތުގެ އާއިލާއަށް ނިސްބަތްވާ، އެފަތާއި ވަރަށް ވައްތަރުފަތެއް ހުންނަ ގަހެކެވެ. ފުވައްމުލަކަކީ ބިން ބޮޑު ރަށެކެވެ. ރަށުގެ ބޮޑު ސަރަހައްދެއްގައި ވިނަގަނޑު ބޯކޮށް ހެދިފައި އޮންނަ ބޮޑު ޖަންގަލި އޮވެއެވެ. ކޮވެލިފަދަ ދޫނިތައް ގޮވާލާ އެކި އަޑުތަކާއި އެކު މި ޖަންގަލިތަކަކީ ބަލައި ފޫހި ނުވާފަދަ ތަންތަނެވެ. ފުވައްމުލަކުގައި ކާޅު، ކަނބިލި، ވަލިކުކުޅު، ކުކުޅުހާ، ބުޅާފަދަ ޖަނަވާރުތައް އުޅެއެވެ. ރާއްޖޭގެ އެހެން ރަށްރަށާއި ޚިލާފަށް ފުވައްމުލަކުގައި ވާލެއް ނުހުރެއެވެ. ފުވައްމުލަކަކީ ފެނަށް މަދިރި ގިނަވާ ރަށެކެވެ. ބުޅިތުނބި، ސުރުމުތި، ބާޒު، އެހެޑަ، މާކަނާ، ރޭރު، ފިނދަން، ރަތަފައި ފަދަ ދޫނިތަކަކީ އެކި މޫސުންތަކުގައި ފުވައްމުލަކަށް އަރައި އުޅޭ ދޫނިތަކެވެ. ގިނަ ބާވަތްތަކުގެ މޭވާޔާއި ތަރުކާރި ފުވައްމުލަކުގައި ހައްދައި ކައި އުޅެއެވެ. ދިވެހި ބޭހަށް ބޭނުންކުރާ ތަފާތު ވައްތަރުތަކުގެ ފަތްފިލާވެއްޔާއި އެކި ވައްތަރުގެ ރީތި މާމެލާމެލި ރަށުގެ އެކި ސަރަހައްދުތަކުގައި ހެދިފައި އޮވެއެވެ.
ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްގޮތަށް ފުވައްމުލައްވެސް ތަޖުރިބާ ކުރަނި ދެ މޫސުމެވެ. ލައިގެން ކާން ބޭނުންކުރާ މައިގަނޑު ބާވަތްކަމުގައި ވާ މަހަކީ ވަރަށް މޫސުމީ އެއްޗެކެވެ. ބައެއް ދުވަސްވަރު މަސްކޮޅެއް ނުލިބި ކެއުމަށް ދަތިވެފައިވެސް ތިބެން ޖެހިދެއެވެ. އިހުޒަމާނުގައި އާންމުކޮށް މަސްވެރިކަން އޮންނަގޮތަކީ، އަދަމޫސުންފެށި މާ ނަކަތާއި ހަމަޔަށް ދާނީ ވަރަށް ކަނޑު ގަދަކޮށެވެ. އެހެންނަމެސް ފުރަ އުތުރަ ހިސާބަށް ދިޔުމުން ކަނޑުމަޑުވެދެއެވެ. އެހިސާބުން ރަށުގެ ކައިރިން ދިގިމަހަ (ކުރުމަސް) ބާނަށް ފަށައެވެ. ހުވަން އަދި ދިނަށަވެސް ދާނީ ކަނޑު މަޑުކޮށެވެ. މިހިސާބުން މިޔަރު ހިބަރު ފަދަ މަސްތައް ތިލަވާން ފަށައެވެ. އަދި ބާނަންވެސް ފަށައެވެ. ފަސްބަދުރުވަ، ރޭވަ ހިސާބުގައި ގިނައިން ވާރޭވެހެއެވެ. އަދި ފަލަމަޑީގެ ބާވަތްތައް ހައްދަންފަށައެވެ. ރޭވަ ނަކަތް ލައިގަނަ ހިސާބުން އެންވެރިކަން ފެށެއެވެ. ބޯދި، ބުރެކި، މުގުރާން، ރެހި ފަދަ އެންފަނި އާލާވާން ފަށައެވެ. ރަށުގެ ބިއްތަރު މަތިންނާއި އުރަފަށުން ބޭނުންވަރަކަށް އެން ހިފަން ލިބެއެވެ. މަސްވެރިން އެންހިފައިގެން ނިކުމެ ދޯނިތަކުގެ ވަތް ފުރާލައިގެން ރަށަށް އަރުވާން ފަށައެވެ. ބުރުނު ނަކަތާއި ދިމާކޮށް ފުވައްމުލަކަށް ވެލާ އަރައެވެ. ހުވަން، ދިނަށަ ހިސާބަށް ދާއިރު އަނެއްކާވެސް ކަނޑު މަޑުވެއެވެ. އަދި މިޔަރު، ހިބަރު ފަދަ މަސްތައް ބާނަންފަށެއެވެ. އަތަ، ހިތަ ހިސާބަށް ދިޔުމުން އެއޮތީ ފެންކުޅި ކުޅެ މޫސުން އިއިސްފައެވެ. މިހިސާބުން ހުޅަނގުމަތިން ރޯޅިވާންފަށައެވެ.
ހުޅަގުމޫސުމާއި އެކު ފުޅަނގި އަރާ މޫސުންވެސް ފެށުނީއެވެ. އަންހެނުންނާއި ފިރިހެން އަދި ކުޑަކުދިން ފުޅަނގިނަގަން އަތިރިމައްޗަށް ފައިބައެވެ. ފިރިހެންވެރިން ބައި ހަދައިގެން ބޯށިގަސްތަކުގެ ހިޔަލުގައި މަޑިސީލަ ފަތުރައިގެން ފޮނިކަނޑާން ތިބޭނެއެވެ.
މިހާހިސާބުން އޮޅުދޫ ދަތުރަށް ތައްޔާރުވާން ފަށަންވީއެވެ. މަހާއި އައުރުސްފަދަ ތަކެތި އޮޅުދޫކަރައަށް ވިކެއެވެ. ދަތުރު ފަށާނީ ވިހާ ނަކަތް ލައިގަންނަ ހިސާބުންނެވެ. އޮޅުދޫކަރަޔަށް ދާން އޮޑި ބާލާ ދުވަހު ނަލަހެދިގެން އަންހެންވެރިން އެކި ދިމަދިމާލުން އަތިރިމައްޗަށް ފައިބައި ބަލަންތިބޭނެއެވެ. އޮޑިފުރާ ދުވަހު ބިލެތް ގޮށި ހަދައިގެން ގޮސް، އޮޑިއަށް ދާ އެންމެ ފަހު ބޮއްކުރާގައި މި ބިލެތް ގޮށިތައް އޮޑިއަށް ފޮނުވާނެއެވެ. ނަލަވައިގައި ރިޔާނަގައި އައްޔޫގު އީރާނަށް ދަތުރުކޮށް އޮޑި އޮބާލާތަންބަލަން ހިތާމައިގައި ލަނގޮޑި އަތަށް ލައިގެން ކަރުނައޮއްސަން އާއިލާ މީހުންތިބޭނެއެވެ. އޮޑި އޮބާލުމުން ކުދިވެރިން ހައްލަމުން ދެންދާނީ ގެއާއި ދިމާއަށެވެ. އިރުއޮއްސުމުން ދަރިން ނިންދަވަންވެގެން ހާލަތާއި ގުޅޭ ލަވަތައް ކިޔައިދޭނެއެވެ.
ބައްޕައްޔާ އަންނާނޭ އަންނައިރުން ގެންނާނޭ، ގޮމަށި ސަފަރި ގެންނާނޭ އަންނާރެއް ގެންނާނޭ
ބާބައްޔޯ ބާބައްޔޯ ދުވެ ނިހިފޭ ބާބައްޔޯ، އަލަފަތި ފޮނި ބޯބައްޔޯ ކޭލެފަތި ނިދާބައްޔޯ
އޭސިލުބޭ މީސިލުބޭ ވަކަށް އަރާގަތް ސިލުބޭ، އެސިލުބު ބަންމާވަޑިޔާ ރަތުރޭރޭ ރިހަކެއްޔާ
ސިއްތިދިއޯ ފާދޮއްވީ އިނދޯލިގޭ ގައުކަނބުލޯ، ފިރޯޒުގަނޑަކު ނަންކީކީ ކިލައި ދަނޑިން ބިތްބެއްދީ
އަވައުކަލޯ އަވައުއޭ ދޮން ދަންވައް ވަގުރުވަތޯ، ފެންގަނޑިމަގި ގެހައްދަށަށް ދޮންދަންވައް ވަގުރުވަތޯ. (ނުނިމޭ)
ގުޅުން ހުރި ޚަބަރު
ކޮމެންޓް
ލޯޑިންގ...

