
ކަރައްޔެ ކަޅުތުއްތުދީދީ ލިޔުއްވާފައިވާ ފުވައްމުލަކު އެތެރެވެށި އަސްލަކަށް ބަލައިގެން ލިޔެފައިވާ ގަދީމީ ފުވައްމުލަކުގެ ވާހަކަ (3)
ޮޑިގޮސް ކަރަޔަށް ވަދެ ކޮޅުބުގެ މަސްކަޑަތަކުގައި މަސްވިއްކަންތިބޭތަން ހުވަފެނުގައި ފެންނާނެއެވެ. އަންހެން ވެރިން ރަށުގައި ދަރިންކޮޅައި އެކު މޮޅިވެފައި ތިބޭނެއެވެ. ހޯމަ ވިލޭރެއާއި ހުކުރުވިލޭރޭ މުދިމު ގެނެސް ގެން ސަލަވާތް ކިޔުއްވައި ހެޔޮވެގެންވީހައި ދުޢާތައް ކުރުވާނެއެވެ. ހޭ ނަކަތަކީ ގިނައިން ވާރޭވެހޭ ނަކަތެކެވެ. ރަށް ބަންޑުންވާ ވަރަށް ވާރޭވެހި އަލަ އޮޅުތައްވެސް މަރުވެއެވެ. މިއީ ހުޅަގު މޫސުމާއި އިރުވައި މޫސުން ބެދޭ ދުވަސްކޮޅެވެ. ކަށިކެޔޮ ދޮންވާ ދުވަސްކޮޅެވެ. އަންހެން ވެރިން ދިގުވަޅި ހިފައިގެން އަށިތަކުގެ މަތީގައި ކަށިކެޔޮ ލިޔާން ތިބޭނެއެވެ. އަލައޮޅުތައް މަރުވެ އަލަ ނުލިބުމުގެ ހިތާމަ ކުރިމަތިވެއެވެ. މިދުވަސްކޮޅު ކާން ލިބޭނީ ކަހަނަލައާއި، ފަތްކޭލާއި ބަނބުކެޔޮފަދަ އެއްޗެއްސެވެ. ކައްޓަލަވެސް ހުންނާނެއެވެ. އެކަމަކު ވަރަށް އަވަހަށް ހުސްވެދެއެވެ.
ހުޅަގު މޫސުމަކީ ދިގު މޫސުމެކެވެ. ދަތި މޫސުމެކެވެ. އެހެންވެ، ދަރިވިއްކައިގެން ކާ މޫސުމޭވެސް ކިޔައިއުޅެއެވެ. މަސްވެރިކަން ދަށްވެ މަސްގަރުދިޔަވެސް ތަދުވެދެއެވެ. ހަދާނޭގޮތް ހުސްވާހިސާބަށް ކަންތައް ދެއެވެ. ކުޅީގައި ހުންނަ ބޭންގު މަސް ކޮންމެވެސް ވަރަކަށް ލިބެއެވެ. އެހެނަސް އެއީ ނަސީބުވެރިންގެ އެއްޗެކެވެ. މިދުވަސްކޮޅު ހާންތިނުވެ ހިފަހައްޓަނީ ލައިގެންކާ އެއްޗެއްގެ ގޮތުގައި އެކި ވައްތަރުގެ ފަތް ފިލާވެލިން ހަދާ މަސްހުނިންނެވެ. ކުއްޅަފިލާފަތް، ބުރަދަވެލުގެފަތް، ކައްޓަލަފަތް، މުރަނގަ ގަހުގެ ފަތާއި ތޮޅި އަދި މާ، ލަބްލާބުފަތް، އެކިބާވަތުގެ މުގު، ފަތްކޭލުގެ ބޮށި މިއީ މިދުވަސްވަރުގެ އެއްޗެއްސެވެ.
ދުވަސްކޮޅަކުން ކަނޑުގައި އޮއިވަރު ގަދަވެ ކަންނެލި ތިލަވާން ފަށައެވެ. ރަށްމައްޗަށް ހޯރަ އަރައި ކަނޑަށް ތިރިވާން ފަށައެވެ. ކަނެއްޔާއި ކަޅުބިލަމަހުގެ މަސްވެރިކަން ތިޔާގިވެއެވެ. ފުޅަނގި އަރާ ދުވަސްވަރުވެސް ލައިގަތިއެވެ. ކަނޑު އަޑިން ކަންނެލިތައް ފުޅަނގިކާންވެގެން އެ ފަހަންފަށައެވެ. އަތުނުޖެހޭންވެގެން ފުޅަގިތައް އުދުއްސައިގަނެއެވެ. އެހިސާބުން ހޯރަތައް ތިރިވެ އެކާންފަށައެވެ. ހާލިނަގައި އެއްގަމަށާއި ފަރުވަދެގެން ގޮޑު ދޮށަށް ފުޅަނގި އަރާ ފުރާލައެވެ. އެބަޔަކު ބޭނުންވަރަކަށް ނަގަންވީއެވެ. މިދުވަސްކޮޅު ހަނދި ބާނަން ވެވެޅަށް ފައިބާނެއެވެ. މިކަމަށް ފުވައްމުލަކު މީހުން ކިޔައި އުޅޭނި ވެވެޅެ ޖެހުމެވެ. މިއީ ހުރިހާ ގޮތަކުންވެސް މަސްވެރިކަން އެންމެ ތިޔާގި ދުވަސްކޮޅެވެ. ނޮރަ ނަކަތުގެ ފަހުކޮޅު ތޫނޑައި ދިމާއަށް ގޮނޑުދޮށައި ހަމަޔަށް ކަންނެލި ތިލަވެއެވެ. ގޮނޑުދޮށަށް ފައިބައިގެން މަޑަޖަހައިގެން ކަންނެލި އެއްގަމަށް އަރުވައި ހަދައެވެ.
މިއީ ބިއްސާވެލިވެސް ލާންފަށާ ދުވަސްވަރެވެ. ބިއްސާވެއްޔަކީ މެދުގައި ލޮނުގަނޑުއޮވެ އެއިގެ ވަށައިގެން ވެލިގަނޑު އޮންނަ އޮތުމަށް ކިޔާނަމެކެވެ. މިހެން އޮންނަ ބިސްލާވެލިތެރޭގައި ކުދި މަސްވެސް ބެދިފައި ތިބެއެވެ. ބިއްސާވެލިލުމުން ރަށުގެ އެކި ހިސާބުތަކުގައި ދިރިއުޅޭމީހުން ހަވީރަށް ނަލަހެދިގެން ބޯފޮޅިކަހަލަ ކާއެއްޗެހި ހިފައިގެން ބިއްސާވެލި ބަލަން ދާނެއެވެ. މިހެން ގޮސްތިބޭތިމުމުގައި އެސަރަހައްދުގައި ހުންނަ އުނި ގަސްތަކުން މާބިނދެގެން އުނިމަލުގެ މާފަތިގައިތައި އަދި އެސަރަހައްދުގައި ހެދިފައިހުންނަ ބޯކެޔޮގަހުގެ މާ (ކަށިމާ) ނަގައިގެން ގެއަށް ގެންދާނެއެވެ. މިއީ ގެއަށް ވެއްދުމުން މުޅި ގޭތެރެ އެއްވަސް ކޮށްލާފަދަ މީރުވަސް ދުވާ މާތަކެކެވެ.
މުލަ ނަކަތާއި އެކު އިރުވައި މޫސުން ލައިގަނާނެއެވެ. ވަދުކަންނެލީގެ މަސްވެރިކަން ފެށި ތަދުމަޑުކަން ފިލައިގެން ހިނަގައިދާނެއެވެ. އިރުވަޔާއި އެކު މީހުންގެ ހިތްތަށް ތެޅެންފަށައެވެ. އޮޅުދޫ ދަތުރުދިޔަ އޮޑިތައް އޮޅުދޫކަރައިން ފުރާ ދުވަސްކޮޅެވެ.
އިސާހިތަކު އޮޑިތައް އައިސް އޮޅުދޫ ސާމާނުތައްލިބެއެވެ. ކާޑުގެ ބާވަތްތަކާއި ހަވާދާއި ފެހާމާ މުދަލެވެ. ކުޑަކުދިންނަށް ފަޓާސް ލިބި އުފާވެރިކަން ލިބެއެވެ. ފުރާވަރަށް އަރާފައިތިބޭ ކުދިން ލިބާސް ލައްވަތެވެ. ލިބުނު ތިޔާގިކަމާއި އެކު މައުލޫދުވެސް އައިސް ޖެހުނީއެވެ. އައު މުންޑު ފައްސަންވީއެވެ. ކުކުޅުކަތިލައި މައުލޫދަށް ފިސާރިއަށް ކައްކަންވީއެވެ. (ނިމުނީ)
ގުޅުން ހުރި ޚަބަރު
ކޮމެންޓް
ލޯޑިންގ...

