ސާކް ސަމިޓްގެ ސައިޑް އިވެންޓްތަކުގެ ތެރޭގައި ހިމަނައިގެން ފުވައްމުލަކުގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ބަށި މުބާރާތުގައި ކޮންމެ އަވަށަކުން ޓީމެއް ބައިވެރިވެފައިވާކަމަށް މުބާރާތް އިންތިޒާމުކުރުމުގައި އިސްކޮށް މަސައްކަތް ކުރައްވާ ބަށި ބޯޅަ ފައުންޑޭޝަން އޮފް މޯލްޑިވްސްގެ ރައީސާ ޝިޔާމާ އަޙުމަދު ވިދާޅުވެއްޖެ އެވެ.
ދެ ގްރޫޕަކަށް ބަހައިލައިގެން ނޮވެންބަރު އެކަކުން ހަތަކަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގުރުއަތުލުންވެސް މިހާރުވަނީ ބާއްވައިފައެވެ. ގްރޫޕް އޭގައި ހިމެނެނީ ދަޑިމަގު، ފުނާޑް، ދިގުވާޑު އަދި ދޫޑިގަމެވެ. ގްރޫޕް ބީގައި ވާދަކުރަނީ މާލެގަން، މިސްކިތްމަގު، މާދަޑު އަދި ހޯދަޑެވެ.
މުބާރާތް ހުޅުވައި މެޗުގައި ނޮވެންބަރު ފުރަތަމަ ދުވަހު ބައްދަލުކުރާނީ ދަޑިމަގާއި ފުނާޑެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހަވީރު 4.00 އެވެ.
ނޮވެންބަރު ދެވަނަ ދުވަހު ތިން މެޗު ކުޅުމަށް ހަމަޖެހިފައި ވެއެވެ. ފުރަތަމަ މެޗުގައި ހެނދުނު 7.00 ގައި ބައްދަލުކުރާނީ މާލެގަމާއި މިސްކިތް މަގެވެ. ހަވީރުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދިގުވާޑާއި، ދޫޑިގަމެވެ. ހަވީރުގެ ދެވަނަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މާދަޑާއި ހޯދަޑެވެ.
ނޮވެންބަރު ތިންވަނަ ދުވަހުގެ ހެނދުނު 7.00 ގެ މެޗުގައި ބައްދަލުކުރާނީ ފުނާޑާއި ދޫޑިގަމެވެ. ހަވީރު 4.00 ގެ މެޗުގައި ބައްދަލުކުރާނީ ދަޑިމަގާއި ދިގުވާޑެވެ. ހަވީރު 5.00 ގެ މެޗުގައި ވާދަކުރާނީ މާލެގަމާއި މާދަޑެވެ.
ނޮވެންބަރު ހަތަރުވަނަ ދުވަހުގެ 7.00 ގެ މެޗުގައި ބައްދަލުކުރާނީ ދިގުވާޑައި ދޫޑިގަމެވެ. ހަވީރު 4.00 ގެ މެޗުގައި މާލެގަމާއި ހޯދަޑެވެ. ހަވީރު 4.00 ގެ މެޗުގައި ބައްދަލުކުރާނީ މާލެގަމާއި ހޯދަޑެވެ. ހަވީރު 5.00 ގެ މެޗުގައި ބައްދަލުކުރާނީ މިސްކިތްމަގާއި ހޯދަޑެވެ.
ނޮވެންބަރު ފަސްވަނަ ދުވަހު މުބާރާތުގެ ޗުއްޓީ ދުވަހެއްގެގޮތުގައި ދޫކޮށްލުމަށްފަހު ހަވަނަ ދުވަހު ހަވީރު ދެ މެޗު ކުޅުމަށް ހަމަޖެހިފައި ވެއެވެ. ހަވީރު 4.00 ގެ މެޗުގައި ބައްދަލުކުރާނީ ފުނާޑާއި ދިގުވާޑެވެ. 5.00ގެ މެޗުގައި މިސްކިތްމަގާއި ހޯދަޑެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަތްވަނަ ދުވަހުގެ ހަވީރު 4.00 އެވެ. މުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެކެވެ.
ބަށި ބޯޅަ ފައުންޑޭޝަންގެ ރައީސާ ޝިޔާމާ އަޙުމަދު ވިދާޅުވީ މުބާރާތް ހުޅުވުމުގެ ރަސމިއްޔާތު ސަގާފީ ހަރަކާތްތަކާއެކު ނޮވެންބަރު ފުރަތަމަ ދުވަހުގެ ހަވީރު 3.30 ގައި ބޭއްވުމަށް ތައްޔާރުވަމުން ދާކަމުގައެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މައިލޯ ސްޓޭޑިއަމްގައެވެ.