
ފުވައްމުލަކު އަނބުގެ މީރު ރަހަ؛ އަދި ކިހާ ދުވަހަކު ލިބޭނެބާ؟
ފުވައްމުލަކަކީ ރާއްޖޭގެ އެހެން ރަށްތަކާ އަޅާބަލާއިރު، ގިނަ ބާވަތްތަކެއްގެ މޭވާއާއި ތަރުކާރީގެ އިތުރުން ފަލަމަޑީގެ ބާވަތްތައް ފަސޭހަކަމާއެކު ހެދޭ، ބިންގަނޑު މާ މުއްސަނދި ރަށެކެވެ. މީގެތެރެއިންވެސް ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް މޭވާ ކަމަށްވާ "ދިވެހި އަނބު" ގެ ރާއްޖޭގެ ރަސްރަށަކީ ފުވައްމުލައް ކަމާމެދު ދެބަސްވެވޭކަށް ނެތެވެ.
ކުރިއާ ހިލާފަށް، ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައިވެސް މިހާރު އަނބު ހައްދައިގެން މާލޭ ބާޒާރުގައި ވިއްކަމުންދެއެވެ. ނަމަވެސް، އަވަހަށް އަދި ރަނގަޅު އަގެއްގައި ވިއްކާލަން ބޭނުންވާނަމަ، އެހެން ރަށްރަށުގެ އަނބުވެސް "ފުވައްމުލަކު އަނބު" ގެ ނަމުގައި ވިއްކަމުންދާތަން ފެނެއެވެ. މިއިންވެސް ހާމަވަނީ ފުވައްމުލަކު އަނބަށް ދިވެހިންގެ ހިތްތަކުގައި ދެވިފައިވާ މަތިވެރި މަގާމެވެ.
ނަމަވެސް، އިހުގެ އެ އުފާވެރި ދުވަސްތައް މިހާރު މިވަނީ މާޒީގެ ސަފުހާތަކާ އެކުވެގެން ގޮސްފައެވެ. ކުރިން ފުވައްމުލަކުގެ ބިންބޮޑު ކޮންމެ ގޯއްޗެއްގައި ތިންހަތަރު ބިޔަ އަނބުގަސް ހުރި ނަމަވެސް، މިއަދު ގޯތިތެރޭގައި އަނބުގަހަށް އޮތް ޖާގަ ހަނިވެ، ގަސްތަކުގެ އަދަދު މިވަނީ އިންތިހާއަށް މަދުވާން ފަށާފައެވެ. މީގެ އިތުރުން، އަނބުގަސްތަކަށް ހުވައްޏާއި ތަފާތު ބަލިތައް ޖެހުން ވަނީ އާންމުވެފައެވެ.
މޫސުމަށް ގަސްތަކުގައި އަޅާ ރަންކޮށްލާ މާތަކުން، ބަލިތަކުން ސަލާމަތްވެގެން ލިބޭ މަދު އަނބުކޮޅުވެސް މިއަދު ވަނީ ފުވައްމުލަކުގައި އާންމުވެފައިވާ ވާތަކުގެ ނާސްތާއަކަށް ވެފައެވެ. ގަހުގެ ވެރިންނަށް ބޭނުންކުރަން ލިބެނީ ވަރަށް މަދު އެތިކޮޅެކެވެ. އެއިންވެސް ބޮޑުބައެއް އޮންނަނީ ވާލުވަކިއަޅައި ހަޑިކޮށްލާފައެވެ. އެހެންކަމުން، އިހުގައި ލިބުނު ފަދަ ހިތްކިޔާފާޑުގެ ރީތި، މީރު އަނބަކީ މިއަދު ވަރަށް ތަދު އެއްޗެކެވެ.
ގޯތިތެރޭގައި އަނބުގަހަށް އޮތް ޖާގަ ކުޑަވަމުންދާ މިންވަރާއި، ގަސްތަކަށް ޖެހޭ ބަލިތައް އިތުރުވަމުންދާ ނިސްބަތާއި، އަދި ވާލުގެ މުސީބާތަށް ބަލާއިރު، ފުވައްމުލަކު އަނބުގެ މީރު ރަހަ ދިވެހީންގެ ދޫތަކާ ހަމައަށް އަދި ކިހާ ދުވަހަކު ފޯރާނެތޯ މިއަދު މިވަނީ ސުވާލު އުފެދިފައެވެ. ފުވައްމުލަކުގެ ފަޚުރެއްކަމުގައިވާ އަނބާއި އަނބުގަހުގެ މުސްތަގުބަލާމެދު އަވަސް ހައްލެއް ހޯދަންޖެހިފައިވާކަން ޔަގީނެވެ. މިކަމަށް ހައްލެއް ހޯދޭނީ އެންމެން ގުޅިގެން ވިސްނައި ފިކުރުކޮށްގެންނެވެ. އަދި ވިސްނައި ފިކުރުކުރެވޭނީ، މިއީ ރަށުފެންވަރުގައިވެސް ސަމާލުކަން ދޭންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ދެކެގެންނެވެ.
ގުޅުން ހުރި ޚަބަރު


އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރާ ގޮތާއި ނިސްބަތް ކަނޑައަޅަންޖެހޭ!
ތާރިގް — October 20, 2026ކޮމެންޓް
ލޯޑިންގ...

