
އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރާ ގޮތާއި ނިސްބަތް ކަނޑައަޅަންޖެހޭ!
ދުނިޔެއަށް އަންނަމުންދިޔަ ތަރައްޤީއާއި ޓެކްނޮލޮޖީގެ ގޮތުން އަންނަމުންދިޔަ ބޮޑެތި ކުރިއެރުންތަކާއި އެކު ގިނަ އަހަރުތަކެއް ވަންދެން، ދުނިޔޭގެ ކުރިއަރާފއިވާ ގައުމުތަކުގެ ސުކޫލްތައް ދިޔައީ ޑިޖިޓަލް އުނގެނުމާ ދިމާއަށް މިސްރާބު ބަދަލުކުރަމުންނެވެ. ފޮތްތަކުގެ ބަދަލުގައި ޓެބްލެޓްތައް ބޭނުންކުރަން ފެށިއެވެ. އެތައްޒަމާނެއް ވަންދެން ގެންގުޅުނު ޓެކްސްޓްފޮތްތަކުގެ ބަދަލުގައި ލެޕްޓޮޕްތައް ބޭނުންކުރަން ފެށިއެވެ. އަތުން ލިޔުމުގެ ބަދަލުގައި ޓައިޕްކުރުން އާންމުވިއެވެ. އަދި ސްކްރީންތަކަކީ އާންމު ތައުލީމުގެ ބަޔަކަށް ވެގެންދިޔައެވެ.
އޭރު ދެއްކި ހުއްޖަތަކީ ޓެކްނޮލޮޖީގެ ސަބަބުން ދަރިވަރުންގެ ސިކުނޑި ތޫނުވެ، މަސައްކަތްތައް ހަލުވިވެ، މުސްތަގުބަލުގައި އެކުދިން ނުކުންނަންޖެހޭނޭ ދުނިޔެއަށް މާ ފުރިހަމަޔަށް ތައްޔާރުވެވޭނޭކަމުގައެވެ.
ޓެކްނޮލޮޖީ ކުރިއަރާ ނިސްބަތް އެއްދުވަހުން އަނެއް ދުވަހަށް މިދަނީ އިތުރުވަމުންނެވެ. އެހެނަސް އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމާއިދޭތެރޭ މިއަދު މިވަނީ ވިސްނުން ބަދަލުވާން ފަށާފައެވެ. އުނގަންނައި ދިނުމުގެ ފަންނުގައި ކުރިއަރާފައިވާ ގައުމުތަކުން މިއަދު ވަނީ ކްލާސްރޫމް ތަކުގައި އަދި އެނުނަސް އުނގަންނައިދުނުމުގެ ބޭނުމުގައި ޓެކްނޮލޮޖީ ބޭނުންކުރާ ގޮތާއި މިންވަރަށް ވިސްނައި ބަދަލުގެންނަން ފަށާފައެވެ.
އުންގަންނައި ދިނުމުގައި ނަމޫނާ ގައުމުތައް ކަމުގައި ބެލެވޭ ބައެއް ގައުމުތަކުން ދަނީ ކްލާސްރޫމްތަކުގައި ޓެކްނޮލޮޖީ ބޭނުންކުރަންވީ މިންވަރާމެދު އަލުން ވިސްނަމުންނެވެ. މިއީ ކޮންމެ ގައުމަކުންވެސް ކުރަންޖެހިފައިވާ މަޝްވަރާއެކެވެ. ވިސްނުންތެރިކަމާއި އެކު ނިންމަން ޖެހިފައިވާ ނިންމުމެކެވެ. ހަގު އުމުރުގެ ދަރިވަރުންނަށް، ސްކްރީނުން ކިޔުމުގެ ބަދަލުގައި ޗާޕުކޮށްފައިވާ ފޮތްތައް ކިޔުމާއި، އަދި އަތުން ލިޔުމަށް އިސްކަންދޭން ޖެހެއެވެ. ކުދިންނަށް ސަމާލުކަން ދެމެހެއްޓުމުގެ ގާބިލުކަމާއި، ފޮތް ކިޔައިގެން އެއްޗެހި ދެނެގަތުމުގެ ހުނަރާއި، ފުންކޮށް ވިސްނުމުގެ ގާބިލުކަމާއި، އަދި ކެތްތެރިކަން އަލާކުރުމުގެ ފުރުސަތުތައް ބޭނުންވެއެވެ. މި ކަންކަމަކީ އެކުދިންގެ ކުރިމަތީގައި ސްކްރީނެއް ބަހައްޓައިގެން އިތުރުކުރެވޭނޭ ހުނަރުތަކެއް ނޫނެވެ.
އުންގަންނައިދިނުމުގައި ޓެކްނޮލޮޖީގެ ދައުރެއް ނެތެކޭ ނުބުނެވޭނެއެވެ. ދަރިވަރުންނަށް ކޮމްޕިއުޓަރުގެ ހުނަރުތަކާއި، ޑިޖިޓަލް މައުލޫމާތު ބޭނުންކުރާނެ ގޮތާއި، އަދި ޒިންމާދާރުކަމާއެކު އޭއައި (AI) ބޭނުންކުރާނެ ގޮތް ދަސްކޮށްދޭންޖެހެއެވެ. އެހެނަސް އަޅުގަނޑުމެންނަށް އެނގެންޖެހޭ ކަމަކީ ޓެބްލެޓެއް ބޭނުންކުރަން އެނގުމަކީއެއީ ފުންކޮށް ވިސްނަން އެނގުން ނޫންކަމެވެ. މިނެއް ނެތް މިންވަރަށް މައުލޫމާތު ލިބެން ހުރުމަކީ އެމައުލޫމާތު އެނގުން ނޫންކަމެވެ. އެހެންކަމުން ޓެކްނޮލޮޖީ އައި އެކުވެސް ސަގާފީ އުނގެނުމުގެ ވަސީލަތްތަކަށް އިސްކަންދޭން ޖެހޭކަމެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އުންގަންނައިދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރަންވަނީ އަދި ބޭނުންކުރަން ދަރިވަރުންނަށް ދަސްކޮށްދޭންވާނީ އެއަށް މުޅިން ބަރޯސާވުމުގެ ބަދަލުގައި ތިމާގެ ބުއްދިއާއި ހުނަރުތައްވެސް ބޭނުންކުރަން ލާޒިމުކުރާ ފަދަ ގޮތަކަށެވެ. ކުރިއެރުމަކީ ކުރިން މަސައްކަތްކުރި ރަނގަޅު ގޮތްތައް ބަދަލުކުރުމެއް ނޫނެވެ. ބައެއް ފަހަރު ކުރިއެރުމަކީ، އަޅުގަނޑުމެން ދޫކޮށްލައިގެން ނުވާނެ ކަންތައްތަކަކީ ކޮބައިކަން ދެނެގަނެވުމެވެ.
ގުޅުން ހުރި ޚަބަރު


ފުވައްމުލަކު އަނބުގެ މީރު ރަހަ؛ އަދި ކިހާ ދުވަހަކު ލިބޭނެބާ؟
އާބަކުރު — September 27, 2026ކޮމެންޓް
ލޯޑިންގ...

