
ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑާއެކު ފަތުރުވެރިކަން ދެން އޮތް ހަރުފަތަށް ގެންދަން ފުވައްމުލަކުގެ އުމްރާނީ ވަސީލަތްތައް ތައްޔާރުތަ؟
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގޭސްޓްހައުސް އެވޯޑް 2026 ގައި، ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ ރަށުގެ ގޮތުގައި "ޗެމްޕިއަން އައިލެންޑް" އެވޯޑު ފުވައްމުލައް ސީޓީއިން މިވަނީ ހޯދާފައެވެ. މީގެއިތުރުން މި އެވޯޑު ހަފުލާގައި ފުވައްމުލަކުގެ "ސްކޫބާ ބަޓްލަރ" ގެ ފައުންޑަރ އަދި ޑައިވް މާސްޓަރ މުޙައްމަދު ޝާއްމޫންއަށް ވަނީ "އޯވަރއޯލް އައުޓްސްޓޭންޑިންގ ޑައިވް މާސްޓަރ" ގެ އެވޯޑު ހާސިލުކޮށްފައެވެ. މިއީ ފުވައްމުލަކަކީ އެކަހެރި، އެއް ފަސްގަނޑަކަށް އޮތް އަތޮޅަކަށް ވީނަމަވެސް، މި ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ މަސައްކަތުން ރާއްޖޭގެ ލޯކަލް ޓުއަރިޒަމްގައި ހޯދި ބޮޑު ކާމިޔާބީއެކެވެ.
މި ކާމިޔާބީގެ އެންމެ މުހިންމު ހިއްސާދާރުންނަކީ ފުވައްމުލަކުގައި ހިންގާ ޑައިވް ސެންޓަރުތައްކަމާމެދު ދެބަސްވެވޭނެ ޖާގައެއް ނެތެވެ. ދުނިޔޭގެ ނިސްބަތުންވެސް މަދުން ފެންނަ ޓައިގާ ޝާކް އާއި ތްރެޝާރ ޝާކް އެންމެ ފަސޭހައިން ބަލާލެވޭ މަންޒިލަކީ ފުވައްމުލައްކަން ދުނިޔެއަށް ހާމަކޮށްދީ ޑައިވަރުންގެ ސަމާލުކަން ފުވައްމުލަކާ ދިމާލަށް އަނބުރާލުމުގެ އެންމެ މުހިންމު ރޯލެއް އަދާކުރީ ފުވައްމުލަކުގެ ޑައިވް ސެންޓަރުތަކުންނެވެ. ޑައިވިން ފަތުރުވެރިކަމާއެކު ބާރުމިނުގައި ފުޅާވާންފެށި ގެސްޓްހައުސް ވިޔަފާރީގެ ޗެމްޕިއަންކަން ފުވައްމުލަކުން ހޯދުމަކީ މިދާއިރާ ކުރިއަރައިގެންދާ މިންވަރު ރަމްޒުކޮށްދޭ އެންމެ އަލިގަދަ ހެއްކެވެ. މިހިސާބަކުން ނިމުނީއެއް ނޫނެވެ؛ މިއާއެކު ރެސްޓޯރެންޓް ވިޔަފާރިވެސް ކުރިން ނުދެކޭ ހަރުފަތްތަކަކަށް ވާސިލުވަމުންދާ ކަމީ ފެންނަން އޮތް ހަގީގަތެކެވެ. ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ކެފޭ/ރެސްޓޯރަންޓްތަކާއި، ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އާމްދަނީ ލިބޭނޭ މަގުތައް ވަނީ ތަނަވަސްވެފައެވެ.
ރަށަށް އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ރަށުގެ އަސާސީ ޚިދުމަތްތަކަށް ވަނީ ނުހަނު ބޮޑަށް ބާރުބޮޑުވެފައެވެ. އެގޮތުން:
· ކަރަންޓުގެ ޚިދުމަތް: ގޭސްޓްހައުސްތަކާއި ޑައިވް ސެންޓަރުތައް އިތުރުވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިއީ އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކޮށް، އިއާދަކުރަނިވި ހަކަތައާ ދިމާލަށް މިސްރާބުޖަހަންޖެހޭ މުހިންމު ސަބަބެކެވެ.
· ފެނާއި ނަރުދަމާ: ފަތުރުވެރިކަމުގެ ހައި ސީޒަންގައި ފެނަށް އޮންނަ ޑިމާންޑް ބޮޑުތަނުން އިތުރުވެއެވެ. މިއާއެކު ފެން އުފައްދާ މިންވަރު ހައި ސީޒަންގައި އިތުރުކުރަންޖެހެއެވެ. މީގެއިތުރުން ފުވައްމުލަކުގެ ފެންފަށަލައާ ސީދާ ގުޅިފައިވާ (ބަންޑާރަކިޅި އަދި ދަޑިމަގިކިޅި) ފަދަ ތަންތަން ތަޣައްޔަރުވިޔަނުދީ ހިމާޔަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ފެންފަށަލަ ހިމާޔަތްކުރުމުގެ އިތުރުން ފަތުރުވެރިންވެސް ގިނައިން ޒިޔާރަތްކުރާ ދަޑިމަގިކިޅީގެ މާހައުލު ރަނގަޅަށް ބެލެހެއްޓުން އިންތިހާއަށް މުހިންމެވެ.
· ކުނި މެނޭޖުކުރުން: ރަށަށް ޒިޔާރަތކުރާ ފަތުރުވެރިންގެ މިންވަރު އިތުރުވުމަކީ ރަށުގައި އުފެދޭ ކުނީގެ މިންވަރު އިތުރުވަމުންދާ ކަމެކެވެ. އެކަހެރިކޮށް އޮންނަ އެއް އަތޮޅު ސިޓީއެއްގައި ކުނި ވަކިކޮށް ނައްތާލުމަކީ ބޮޑު ގޮންޖެހުމެކެވެ. ވަކީން ޚާއްސަކޮށް ފާއިތުވެދިޔަ ވިއްސަކަށް އަހަރުގެ ލެގަސީ ކުނިގޮނޑެއް ފުވައްމުލަކުގައި އޮވެ، އެ ކުނި ނައްތާލުން އެންމެ ފުރިހަމަ ނިޒާމެއްގެ ތެރެއަށް ނުގެނެވި އޮންނަ އޮތުމަކީ މި މައްސަލަ އިތުރަށް ގޯސްވެގެންދާ އެއް ސަބަބެވެ.
"ޗެމްޕިއަން އައިލެންޑް" ގެ އެވޯޑާއެކު މި މައްސަލަތަކަށް ހައްލު ހޯދަން މިވަނީ އިތުރަށް މަސައްކަތްކުރަންޖެހިފައެވެ. ސިޓީ ކައުންސިލާއި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން (ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެންވަޔަރަންމަންޓް މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީ) ގުޅިގެން ސަސްޓެއިނަބަލް ނުވަތަ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ޚާއްސަ ރޭވުންތަކެއް ރޭވުން މުހިންމެވެ.
މީގެތެރޭގައި، ރަށުގެ ކަރަންޓާއި ފެނުގެ ނެޓްވޯކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާއި ނަރުދަމާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ އިތުރުން ކެޕޭސިޓީ އިތުރުކުރުކޮށް، ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ކަނޑުގެ މާހައުލު ހިމާޔަތްކުރުމަށް ފަތުރުވެރިންނަށް ޚާއްސަ އުސޫލުތަކެއް އެކަށައެޅުމަކީ މިހާރުން މިހާރަށްވެސް ކުރަންޖެހިފައިވާ ކަންކަމެވެ. ނިމިދިޔަ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އަލީ ވަޙީދުގެ ޓުއަރިޒަމް މިނިސްޓަރުކަމުގެ ދުވަސްވަރު ރަށުގެ ޓޫރިޒަމް ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުނުނަމަވެސް، އެ މަސައްކަތް އެއްކޮށް ނިންމައި މި ޕްލޭން އަދި އޮތީ ފައިނަލްނުވެއެވެ. ދެމެހެއްޓެނިވި ގޮތެއްގައި ޓުއަރިޒަމް ތަރައްޤީކުރާނަމަ މި ޕްލޭން ފައިނަލްކުރުންވެސް އިންތިހާއަށް މުހިންމެވެ.
އެމް.އައި.ބީ ގޭސްޓްހައުސް އެވޯޑްސް 2026 ގައި ފުވައްމުލަކަށް ލިބުނު ކާމިޔާބީއަކީ މި ރަށުގެ ފަތުރުވެރިކަމުގެ އާ ބާބެއްގެ ފެށުމެވެ. ނަމަވެސް، މި ކުރިއެރުން ދެމެހެއްޓޭނީ ރަށުގެ އަސާސީ ޚިދުމަތްތައް ފަތުރުވެރިކަމުގެ ކުރިއެރުމާ އެއްހަމައެއްގައި ތަރައްގީކޮށް، ތިމާވެށި ހިމާޔަތްކޮށްގެންނެވެ.
ގުޅުން ހުރި ޚަބަރު

އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރާ ގޮތާއި ނިސްބަތް ކަނޑައަޅަންޖެހޭ!
ތާރިގް — October 20, 2026
ފުވައްމުލަކު އަނބުގެ މީރު ރަހަ؛ އަދި ކިހާ ދުވަހަކު ލިބޭނެބާ؟
އާބަކުރު — September 27, 2026ކޮމެންޓް
ލޯޑިންގ...

