ޓްރެންޑިންގLoading...
Logo
ތަޢުލީމީ މަރުކަޒުގެ މިއަހަރުގެ ދަރިވަރުންގެ ދުވަސް މާދަމާ ފާހަގަކުރަނީ
ސްކޫލްޚަބަރު

ތަޢުލީމީ މަރުކަޒުގެ މިއަހަރުގެ ދަރިވަރުންގެ ދުވަސް މާދަމާ ފާހަގަކުރަނީ

July 31, 2026ތާރިގް36

ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މިއަހަރުގެ ދަރިވަރުންގެ ދުވަސް މާދަމާ ފާހަގަކުރުމަށް ހަމަޖެހިފައިވާކަމަށް އެމަރުކަޒުން ހާމަކޮށްފިއެވެ.

ތައުލީމީ މަރުކަޒުން މަޢުލޫމާތު ދޭ ގޮތުގައި ދަރިވަރުންގެ ދުވަހަކީ ސްކޫލުގެ އެންމެހައި ކަންތައްތައް ދަރިވަރުންގެ ތެރެއިން އެކުލަވާލެވޭ ސީނިއަރ މެނޭޖުމަންޓު ޓީމް (އެސްއެމްޓީ) އަކުން އިންތިޒާމުކޮށް ހިންގާގޮތަށް ރާވާލެވިފައިވާ ދުވަހެކެވެ. އެގޮތުގެ މަތިން ދަރިވަރުންގެ ދުވަހުގެ ގޮތުގައި މާދަމާ ފާހަގަކުރުމަށްޓަކައި އެންމެހައި ހަރަކާތްތައް ރާވާ އިންތިޒާމުކޮށް ހިންގުމަށްޓަކައި ދަރިވަރުންގެ ތެރެއިން ސީނިއަރ މެނޭޖުމަންޓު ޓީމެއް މިހާރު އެކުލަވާލައި އެޓީމުން މާދަމާއަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

"ދަރިވަރުންގެ ދުވަހު ސްކޫލުގެ ޕްރިންސިޕަލަކަށް ވެސް އަދި މެނޭޖުމަންޓުގެ އެހެން މަގާމުތައް ތަމްސީލުކުރާނީ ވެސް ދަރިވަރުން. ދަރިވަރުންގެ އެސްއެމްޓީއަކުން. މާނައަކީ އެކުދިންނޭ މާދަމާ ސްކޫލް ހިންގާނީ. މެނޭޖުމަންޓުގައި ހިމެނޭ ކޮންމެ މެންބަރަކަށް ދަރިވަރުންގެ ތެރެއިން ކުއްޖަކު ހަމަޖައްސާފައި ވާއިރު އެކުދިން މާދަމާ ބޭނުންކުރަނީ މެނޭޖުމަންޓު ޓީމުގެ މެންބަރުންގެ ގޮޑިތަކާ މޭޒުތައް. ދަރިވަރުންގެ ތެރެއިން ހުންނަ ޕްރިންސިޕަލް ހުންނާނީ ޕްރިންސިޕަލްގެ ކެބިންގައި". ތައުލީމީ މަރުކަޒުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވިއެވެ.

އޮފިޝަލު އިތުރަށް ވިދާޅުވީ މާދަމާ ކިޔަވައިދޭން ދަރިވަރުން ހަމަޖައްސާފައި ވަނީ އިންޓަވަލުން ކުރީގެ ގަޑިތައް ކަމަށާއި އެގަޑިތަކުގައި ކިޔަވައިދޭނީ ވެސް ދަރިވަރުން ކަމަށާއި މާދަމާ ގެ ފިލާވަޅުތަކަށް "ސްޓޫޑަންޓް ޓީޗަރސް" މިއަދު ތައްޔާރުވެފައި ވާކަމުގައެވެ. އަދި މާދަމާގެ އިންޓަވަލުގެ ފަހުން ކުރިއަށްދާނީ "ސްޓޫޑަންޓް އެސްއެމްޓީ" އިން ރާވާފައިވާ ބައެއް އިތުރު ހަރަކާތްތައް ކަމަށާއި މާދަމާގެ ހަރަކާތްތައް ކުރިއަށް ދާ ވަގުތުތަކުގައި ބެލެނިވެރިންގެ ތެރެއިން ބޭނުންފުޅު ފަރާތްތަކަށް ސްކޫލަށް ޒިޔާރަތްކޮށް ދަރިވަރުންގެ ހަރަކާތްތައް ބަލައިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައެވެ.

އަހަރުތެރޭގައި ކިޔަވައިދޭ ދުވަސްތަކުގެ ތެރެއިން އެއްދުވަސް ދަރިވަރުންގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމަށް އެމަރުކަޒުގެ މެނޭޖުމަންޓުން ނިންމުމާ ގުޅިގެން އެންމެ ފުރަތަމަ މިދުވަސް ފާހަގަކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އެކިއެކި ހަރަކާތްތައް ރާވާ އިންތިޒާމުކޮށް އަމަލީގޮތުން އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދީ ދަރިވަރުގެ ކިބާގައި އަމިއްލަ ނަފުސަށް އިތުބާރުކުރުމާއި ކަންކަމުގައި އިސްނެގުމުގެ އާދަ ހަރުލެއްވުމަށް މަސައްކަތް ކުރުންކަމަށް އެމަރުކަޒުން މަޢުލޫމާތު ދެއެވެ.

ތަޢުލީމީ މަރުކަޒުގައި މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ދަރިވަރުންގެ ދުވަސް ފާހަގަކުރިއިރު ދަރިވަރުން ރަސްމީ ހެދުމުގައި ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލުންގެ އިތުރުން މެނޭޖުމަންޓުގެ އެހެން މެންބަރުންގެ ގޮތުގައި އެބޭފުޅުންގެ ކެބިންތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުމުން ވަރަށް އުފާވިކަމަށް މިދިޔައަހަރު ސްޓޫޑަންޓު އެސްއެމްޓީގައި ހިމެނުނު ދަރިވަރުން ބުނެފައިވެއެވެ.

ޙިއްޞާ ކުރާ:

ފޮލޯ ކުރައްވާ