
ޑީ.އެސް.އާރު.ސީ އިން ފުވައްމުލައް ސިޓީ ކައުންސިލް ވެޓެރެންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
މިދިޔަ އަހަރުގެ ޗެމްޕިއަން ދޫނޑިގަން ޓީމު ބަލިކޮށް، ފުވައްމުލައް ސިޓީ ކައުންސިލް ވެޓެރެންސް ފުޓްސަލް މުބާރާތް 2026 ގެ ޗެމްޕިއަންކަން ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ހޯދައިފިއެވެ. މިދިޔަ އަހަރުގެ ފައިނަލް މެޗްގައިވެސް ބައްދަލުކޮށްފައިވަނި މިދެޓީމެވެ. މި މޮޅާއެކު، މި މުބާރާތުގެ މިހާތަނަށް ބޭއްވި ހަ އެޑިޝަންގެ ތެރެއިން ފަސް އެޑީޝަން ކާމިޔާބުކޮށްފައިވަނީ ޑީ.އެސް.އާރު.ސީ އިންނެވެ.
މިރޭ ކުޅެވުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ދޫނޑިގަމް ޓީމުންނެވެ. އެ ޓީމަށް މި ގޯލު ކާމިޔާބުކޮށްދިނީ އަޙްމަދު މުބީން އެވެ. ނަމަވެސް މުޙައްމަދު އަޝްރަފް ގެ ލަނޑަކުން ޑީ.އެސް.އާރު.ސީ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
އެއަށްފަހު، މެޗުގައި ފުރަތަމަ ފަހަރަށް ޑީ.އެސް.އާރު.ސީ އަށް ލީޑު ހޯދައިދިނީ އަޙްމަދު ފަރީދު އަބްދުﷲ އެވެ. ނަމަވެސް މުބީންގެ ދެވަނަ ލަނޑާއެކު މެޗުގެ ނަތީޖާ އަލުން ހަމަހަމަވެގެންދިޔައެވެ. މެޗުން ޑީ.އެސް.އާރު.ސީ މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީވެސް ނަތީޖާ ހަމަހަމަކޮށްދިން ފަރީދުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް ފަރީދުއެވެ.
މުބާރާތުގެ ވަނަވަނަ
އެންމެ މޮޅު 5 ކުޅުންތެރިން އަދި ކޯޗު
- މުޙައްމަދު ޝިފާއު އަޙްމަދު (ދޫނޑިގަމް)
- ޤާސިމް މުޙައްމަދު (ދޫނޑިގަމް)
- އަޙްމަދު މުބީން (ދޫނޑިގަމް)
- ނިއުޝާދު އަލީ - ގޯލްކީޕަރު (ޑީ.އެސް.އާރު.ސީ)
- އިބްރާހީމް އަޙުސަން (ޑީ.އެސް.އާރު.ސީ)
- އެންމެ މޮޅު ކޯޗު: ނައުފް މުޙައްމަދު ޖަލީލް (ޑީ.އެސް.އާރު.ސީ)
މި މުބާރާތުގެ ޗެމްޕިއަން ޓީމު ޑީ.އެސް.އާރު.ސީއަށް ފައިސާގެ އިނާމެއްގެ ގޮތުގައި 20,000ރ (ވިހި ހާސް ރުފިޔާ) ދީފައިވާއިރު، ރަނަރއަޕް ޓީމު ދޫނޑިގަމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައިވަނީ 10,000ރ (ދިހަ ހާސް ރުފިޔާ) އެވެ.
