
ޗައިނާގައި ކުރިއަށްދާ ސީއެފްއޭ ފުޓްސެލް މުބާރާތުގައި ފުވައްމުލަކަށް ނިސްބަތްވާ ދެ ކުޅުންތެރިން ގައުމީ ޓީމުގައި
ޗައިނީސް ފުޓްބޯލް އެސޯސިއޭޝަން (ސީއެފްއޭ) އިން އިންތިޒާމުކޮށްގެން ޗައިނާގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ފުޓްސެލް މުބާރާތުގައި ވާދަކުރާ ދިވެހި ގައުމީ ފުޓްސެލް ޓީމުގައި ފުވައްމުލަކަށް ނިސްބަތްވާ ދެ ކުޅުންތެރިން ބައިވެރިވަމުން އެބަދެއެވެ.
މި މުބާރާތުގައި ވާދަކުރާ ގައުމީ ސްކޮޑުގައި ހިމެނޭ ފުވައްމުލަކުގެ ދެ ކުޅުންތެރިންނަކީ:
- މުހައްމަދު ސާދު ނިޒާރު (ދަޑިމަގު. އަލި)
- އަލީ ޝަމާލް އަބްދުﷲ / ޝައްމު (ދޫނޑިގަން. ލީމާ)
މި ދެ ކުޅުންތެރިންނަކީވެސް ރާއްޖޭގެ ފުޓުބޯޅައާއި ފުޓްސެލް މައިދާނުގައި ފުންނާބުއުސް، ތަޖުރިބާކާރު ދެ ކުޅުންތެރިންނެވެ. އެގޮތުން ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ޝަރަފުވެރި އެއް ފުޓްސެލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގައި އެމްޕީއެލް ޓީމުން ގިނަ އަހަރުތަކެއް ވަންދެން އެކުގައި ފެނިގެންގޮސްފައިވާއިރު، ގޯލްޑެން ފުޓްސެލް ޗެލެންޖްގައިވެސް މި ދެ ކުޅުންތެރިން ދަނީ މެދުކެނޑުމެއްނެތި ފާހަގަކޮށްލެވޭ ކުޅުމެއް ދައްކަމުންނެވެ.
މިދިޔަ އަހަރު ބޭއްވުނު ސާފް ފުޓްސެލް ޗެލެންޖްގެ ޗެމްޕިއަންކަން ރާއްޖޭން ހޯދި ޓީމުގައިވެސް ޝައްމު ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ. އަދި ސާދުއަކީ ރާއްޖޭގެ ސީނިއާ ގައުމީ ފުޓުބޯޅަ ޓީމުންވެސް ފެނިފައިވާ ކުޅުންތެރިއަކަށްވީ ނަމަވެސް، މިއީ ގައުމީ ފުޓްސެލް ޓީމުން އޭނާ ފެނިގެންދާ ފުރަތަމަ މުބާރާތެވެ.
މި މުބާރާތުގައި ދިވެހި ޓީމު ކުޅުނު ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ފަސް ލަނޑު އެއް ލަނޑުން ބަލިވި ނަމަވެސް، މެޗުގައި ރާއްޖޭން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ސާދުއެވެ. ޗައިނާގެ ޔިންޗުއާންގައި ނޮވެމްބަރު ފަހެއް އިން ނުވައެއް އަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ މުބާރާތް ބާއްވާ ގައުމު ޗައިނާ، ހޮންކޮންގް އަދި ދެކުނު ކޮރެއާއެވެ. މި މުބާރާތުގައި ދިވެހި ޓީމަށް ކުރިއަށްހުރި މެޗުތަކަށް ބަލާއިރު، މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެ ނިކުންނާނީ ހޮންކޮންގްއާ ދެކޮޅަށެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި މި މަހުގެ 9 ވަނަ ދުވަހު ރާއްޖެ ކުޅުމަށް ހަމަޖެހިފައިވަނީ މުބާރާތް ބާއްވާ ގައުމު ޗައިނާއާއެވެ.
ގުޅުން ހުރި ޚަބަރު

އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް ސައުތް ޒޯން 2 ގެ މެޗުތައް ފުވައްމުލައް ސިޓީގައި ބާއްވަނީ
ކިފާހް — November 8, 2026
ފުވައްމުލައް ސިޓީ ކައުންސިލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން އެކުވެރި ފުނާޑުން ހޯދައިފި
ކިފާހް — November 1, 2026ކޮމެންޓް
ލޯޑިންގ...

