
ފުވައްމުލައް ސިޓީ ކައުންސިލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން އެކުވެރި ފުނާޑުން ހޯދައިފި
ނިމިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ދިޔަ މި މުބާރާތަކީ ފުވައްމުލައް ސިޓީ ކައުންސިލާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ގުޅިގެން، ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ރާވައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގެ ޗެމްޕިއަންކަން އެކުވެރި ފުނާޑުން ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި މިސްކިތްމަގު އެންމެންގެ ގުޅުމާ ބައްދަލުކޮށް މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގައި ފުރަތަމަ ކުޅެންއަރައި 10 އޯވަރުގެ ތެރޭގައި މިސްކިތްމަގު އެންމެންގެ ގުޅުމަށް ހެދިފައިވަނީ 87 ލަނޑެވެ. ޖަވާބުގައި ކުޅެންއަރައި އެކުވެރި ފުނާޑުން ވަނީ 8 އޯވަރުގެ ތެރޭގައި 93 ލަނޑު ހަދާފައެވެ. މިއާއެކު 5 ވިކެޓުން މެޗުން މޮޅުވީ އެކުވެރި ފުނާޑެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެކުވެރި ފުނާޑު ޓީމުގެ އައިޝަތު ޒުބީނާއެވެ. މެޗު ނިމުމަށްފަހު ބޭއްވި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ މަގާމުތައް ހޯދި ކުޅުންތެރިންނަށާއި ޓީމުތަކަށް ވަނީ އިނާމާއި، ހަނދާނީ ލިޔުން އަދި ޓްރޮފީ ހަވާލުކޮށްފައެވެ.
އެގޮތުން މުބާރާތުގެ "ބެސްޓް ބޯލަރ" ގެ މަގާމު ހޯދީ އެކުވެރި ފުނާޑު ޓީމުގެ ނަދީމާ އިބްރާހިމްއެވެ. އަދި "ބެސްޓް ބެޓަރ" ގެ މަގާމާއި، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެކުވެރި ފުނާޑު ޓީމުގެ ނާދިޔާ ޔޫސުފްއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަކީ އެކުވެރި ފުނާޑެވެ. އަދި ރަނަރއަޕް ޓީމަކީ މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 (ދިހަ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިންއިރު، ރަނަރއަޕް ޓީމަށް ދީފައިވަނީ 5،000 (ފަސް ހާސް) ރުފިޔާއެވެ.
ގުޅުން ހުރި ޚަބަރު

އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް ސައުތް ޒޯން 2 ގެ މެޗުތައް ފުވައްމުލައް ސިޓީގައި ބާއްވަނީ
ކިފާހް — November 8, 2026
ކޮމެންޓް
ލޯޑިންގ...

