
އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް ސައުތް ޒޯން 2 ގެ މެޗުތައް ފުވައްމުލައް ސިޓީގައި ބާއްވަނީ
އެފްއޭއެމްއިން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް ޒޯން ޗެމްޕިއަންޝިޕްގެ ސައުތް ޒޯން 2 ގެ މެޗުތައް މި އަހަރު ފުވައްމުލައް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މި ޒޯންގައި ބައިވެރިވެފައިވަނީ ގދ. އަތޮޅާއި، ޏ. އަތޮޅުގެ އިތުރުން ސ. އަތޮޅެވެ. މުބާރާތުގައި ފުވައްމުލައް ސިޓީން "ގަލޯނާ ސްޕޯޓްސް" ވާދަކުރާއިރު، ގދ. އަތޮޅުން ވާދަކުރާނީ ގދ. ވާދޫ އަދި ގދ. ފަރެސްމާތޮޑާއެވެ. އަދި ސ. އަތޮޅުން ވާދަކުރާނީ ހިތަދޫ ޓީމެވެ.
މި މަހުގެ 16 އިން 23 ގެ ނިޔަލަށް ފުވައްމުލައް ސިޓީގައި މެޗުތައް ކުޅެން ހަމަޖެހިފައިވާ މި މުބާރާތަކީ، ރާއްޖޭގެ ކޮންމެ އަތޮޅަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މިއީ ކޮންމެ އަތޮޅަކުން 2 ޓީމު ޒޯން ބުރުގައި ކުޅުމަށްފަހު، ޒޯން ޗެމްޕިއަން ޓީމު އެހެން ޒޯންތަކުގެ ޗެމްޕިއަނުންނާއެކު ފައިނަލް ރައުންޑުގައި ވާދަކުރާ ގޮތަށް މި ފޯމެޓަށް ކުޅެވޭ ފުރަތަމަ މުބާރާތެވެ.
މިފަދަ މުބާރާތެއް ބާއްވަން ނިންމެވި ސަބަބާ ގުޅޭގޮތުން އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިޤް (ޓޮމް) ކުރިން ވިދާޅުވެފައިވަނީ، މިއީ ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންނަށް ދިމާވެފައިވާ އެތައް ދުވަހެއްވީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ތައާރަފުކުރާ މުބާރާތެއް ކަމަށެވެ.
ޓޮމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން އެންމެ ފަހުން ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވީ ނަމަވެސް، ގައުމީ ފުޓްބޯޅަ ކުޅުންތެރިންނަށް ލިބޭ ފަދަ އިނާޔަތްތަކެއް ފުޓްސަލް ކުޅުންތެރިންނަށް އޭރު ނުލިބޭ ކަމަށެވެ. އެގޮތުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހާއްސަ މުސާރައާއި، އިންޝުއަރެންސް ކަވަރޭޖްގެ އިތުރުން ކުޅިވަރު އިނާމު ދިނުމުގެ ހަފްލާތަކުގައި ދެވޭ ރަސްމީ ދަރަޖަ ފުޓްސަލް ކުޅުންތެރިންނަށް ލިބެމުން ނުދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެފްއޭއެމްއިން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު އޮތް އުސޫލުގެ ދަށުން ކުޅުންތެރިންނަށް މުސާރަ ދެވޭނީ ރަސްމީ ގައުމީ މުބާރާތެއް ބާއްވައިގެންނެވެ. އެހެންކަމުން، އަލަށް ފަށާ މި މުބާރާތުގެ ތެރެއިން އެ މައްސަލައަށް ފުރިހަމަ ހައްލެއް ލިބިގެންދާނެކަމަށެވެ.
ގުޅުން ހުރި ޚަބަރު


ފުވައްމުލައް ސިޓީ ކައުންސިލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން އެކުވެރި ފުނާޑުން ހޯދައިފި
ކިފާހް — November 1, 2026ކޮމެންޓް
ލޯޑިންގ...

