
ފުވައްމުލަކު ސްކޫލުގެ 2010 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި
2010 ވަނަ އަހަރު ކިޔެވުމާއި އިތުރު ހަރަކާތްތަކުން ރަން ވަނަތައް ހޯދި ފުވައްމުލަކު ސްކޫލުގެ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުން ރޭ އެސްކޫލްގައި ބާއްވައިފިއެވެ.
ވޭތުވެދިޔަ އަހަރު ކިޔެވުމާއި އިތުރު ހަރަކާތްތަކުން ރަން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ރޭ އެސްކޫލްގައި ބޭއްވި އެ ސްކޫލްގެ 2010 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ވޭތުވެދިޔަ އަހަރު ކިޔެވުމުގެ ރޮނގުން އެ ސްކޫލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީ ދިނުންވެސް އޮތެވެ.
ވޭތުވެ ދިޔަ އަހަރުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަކީ އިބްރާހިމް ވަހީދު އަލިދީދީ. ޖޭޑް، އައިޝަތު ނަވާ. އިލާސް، އިރުފާން އިބްރާހިމް. މަލްގަނޑިގެ، ރަވީ އަހުމަދު ސައީދު. ރާޒް، ތޫބާ މުހައްމަދު. މީރަންގެ، އާމިނަތު އަނީސާ. ދަނޑިކޮށީގެ، ހުސައިން ފަރަހު. އޮޅުތެރެގެ، ނަޝްފާ ހަސަން. ނަސީމީވިލާ، އައިޝަތު ނުހާ. ފެންވިލާގެ އަދި ނައުފާ އަލީ. ދިވިލި އެވެ. ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާނު ފުވައްމުލަކު ގައުމީ އިދާރައިގެ އެޑިއުކޭޝަން ޔުނިޓް ހިންގެވުމާ ހަވާލުވެ ހުންނެވި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަބުދުﷲ ރަޝީދު އަޙުމަދު އެވެ.
އިތުރު ހަރަކާތްތަކުން ވޭތުވެދިޔަ އަހަރު ވަނަތައް ހާޞިލްކުރި ދަރިވަރުންނަށާއި ސިވިލް ސަރވިސް އެޕްރައިސަލް ފޯމުން %80 މަތި ހޯދި ފުވައްމުލަކު ސްކޫލުގެ މުވައްޒަފުންނަށާއި ހާޟިރީން މިއަހަރު އެންމެ ރަނގަޅު މުވައްޒަފުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުންވެސް މި ޖަލްސާގައި އޮތެވެ. މި ފަރާތްތަކާ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ފުވައްމުލަކު ސްކޫލިގެ ޕްރިންސިޕަލް އާރިފާ އަބުދުލް މަޖީދު އާއި ފުވައްމުލަކު އަތޮޅު ކައުންސިލްގެ ނައިބުރައީސް އަލީ ފަޒާދު އާއި ސްކޫލްގެ ބާނީ އަބްދުލް ހަމީދު އަލީ އާއި ދޫނޑިގަމު ކައުންސިލްގެ ރައީސް އަހުމަދު ޝަރީފު އާއި ފުވައްމުލަކު ގައުމީ އިދާރައިގެ ސްޓޭޓް ސެކްޓްރީ އަބދުﷲ ފަލާހް ޝަރީފް އަދި ފުވައްމުލަކު ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އަލީ ޖަވާދު އެވެ.
މި ޖަލްސާގައި އަބުދުﷲ ރަޝީދު ދެއްކެވި ވާހަކަފުޅުގައި އުނގެނޭ ތައުލީމުގެ ބޭނުން ހިފުމުގެ މުހިއްމުކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. މުހިއްމީ އޯލެވެލުން، އޭލެވެލުން އެއްވަނަ ހޯދުން ނުވަތަ ޑިޕްލޮމާ، ޑިގްރީ، ޕީއެޗްޑީ ސެޓްފިކެޓް ހާޞިލްކުރުން ނޫންކަމަށާއި، އެއްމެ މުހިއްމީ އުނގެނޭ އިލްމުގެ ބޭނުން ރަނގަޅަށް ހިފުންކަމުގައި އަބުދުﷲ ރަޝީދު ވިދާޅުވިއެވެ. ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތައް ކުރިއަރާފައިވަނީ އިލްމުގެ ބޭނުން ހިފައިގެންކަން ފާހަގަކުރައްވަމުން، އިލްމުގެ ބޭނުން ހިފުމަށް ދަރިވަރުންނަށް އޭނާ ނަޞޭހަތްތެރިވެވަޑައިގަތެވެ.
ގުޅުން ހުރި ޚަބަރު

ފުވައްމުލަކުން މިފަހަރު 52 ދަރިވަރަކު އޭ-ލެވެލް އިމްތިހާނު ހަދަނީ
ކިފާހް — September 29, 2026

ތަޢުލީމީ މަރުކަޒުގެ މިއަހަރުގެ ދަރިވަރުންގެ ދުވަސް މާދަމާ ފާހަގަކުރަނީ
ތާރިގް — July 31, 2026ކޮމެންޓް
ލޯޑިންގ...
