
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަސްވެނިވުން: މަދަރުސާގޭ ސައީދު އެވޯޑު ފާތިމަތު ޝަރީފަށް
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ބެޗެލާސް ޑިގްރީ ޕްރޮގްރާމްތައް ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ހުކުރު ދުވަހުގެރޭ ފުވައްމުލަކު ސްކޫލްގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި އެ ކޮލެޖުން ދޭ އެންމެ ޝަރަފުވެރި އެއް އެއްއެވޯޑު ކަމަށްވާ "މަދަރުސާގޭ ސައީދު ހަނދާނީ އެވޯޑު" ހާސިލުކުރީ ބެޗެލާ އޮފް ޓީޗިން ޤުރްއާން ފުރިހަމަކުރި ޏ. ފުވައްމުލައް، މިސްކިތްމަގު، އަލްގެދަރު، ފާތިމަތު ޝަރީފެވެ.
މަދަރުސާގޭ ސައީދު ހަނދާނީ އެވޯޑަކީ ޑިގްރީ ނިންމި ދަރިވަރުންގެ ތެރެއިން ކޯސްތަކުން އެއްވަނަ ހޯދި ދަރިވަރުންގެ ތެރެއިން އެންމެ މަތީ ކިއުމިލޭޓިވް ގްރޭޑް ޕޮއިންޓް އެވަރެޖް ހޯދާ ދަރިވަރަށް ދެވޭ ޚާއްޞަ އެވޯޑެކެވެ.
2025 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން، ފައުންޑޭޝަން ލެވެލްއިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް އެކި ޕްރޮގްރާމްތަކުން 1700 އަށްވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މީގެ ތެރެއިން މިރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ ނުވަ ޕްރޮގްރާމަކުން ބެޗެލާސް ޑިގްރީ ހާސިލުކުރި 183 ދަރިވަރުންނެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރު އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން، ހަޔާރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް، އަހްމަދު ޝަފީއުއެވެ. މީގެ އިތުރުން ފުވައްމުލަކު މެދުދާއިރާގެ އިޢުޒަތްތެރި މެންބަރު އަލީ ފަޒާދުއާއި، ކޮލެޖުގެ ޗެއާމަން މުޙައްމަދު ވަހީދު، ކޮލެޖުގެ އިސްވެރިން އަދި ރަށުގެ މުއައްސަސާތަކުގެ ވެރިން ވަނީ މި ހަފްލާގައި ބައިވެރިވެވަޑައިގެންފައެވެ.
މި މުއްދަތުގެ ތެރޭގައި ޑިގްރީ ނިންމި ދަރިވަރުންގެ ތެރެއިން 64 ދަރިވަރަކު ވަނީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ "ބުކް ޕްރައިޒް" ހާސިލުކޮށްފައެވެ. މިއީ ބެޗެލާސް ޑިގްރީއިންފެށިގެން މަތީގެ ކޯސްތަކުން އެއްވެސް މާއްދާއަކުން ފެއިލްނުވެ 3.0 ޖީޕީއޭ ނުވަތަ އެއަށްވުރެ މަތިން ހާސިލުކުރާ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ.
އަދި ކޯސްތަކުން އެއްވަނަ ހޯދި ދަރިވަރުންނަށް "ޗެއާމަންސް އެވޯޑު" ދީފައިވާއިރު، މި އެވޯޑު ހާސިލުކުރި ދަރިވަރުންނަށް ޒިކުރާ ކޮލެޖުން ކުރިއަށްގެންދާ މާސްޓާސް ޑިގްރީ ޕްރޮގްރާމްތަކުގެ ތެރެއިން އެ ދަރިވަރަކު އިޚްތިޔާރުކުރާ މާސްޓާސް ޑިގްރީ ޕްރޮގްރާމެއް ފުރިހަމަކުރެވޭ ސްކޯލާޝިޕެއް ވަނީ ދީފައެވެ.
ޗެއާމަންސް އެވޯޑު ހާސިލުކުރި ދަރިވަރުން:
- ބެޗެލާ އޮފް ސައިންސް އިން އެކައުންޓިން އެންޑް ފައިނޭންސް: ޖުމާނާ އަހްމަދު (ހުޅެވި / ބ. ކުޑަރިކިލު)
- ބެޗެލާ އޮފް ބިޒްނަސް މެނޭޖްމެންޓް: ހައްވާ އާސިރާ އާދަމް (ކިނބިމާގެ / ޅ. ހިންނަވަރު)
- ބެޗެލާ އޮފް ހިއުމަން ރިސޯސް މެނޭޖްމެންޓް: ނާހީ މުހައްމަދު (ފަތިސް / ޏ. ފުވައްމުލައް)
- ބެޗެލާ އޮފް އޮފީސް މެނޭޖްމެންޓް: ނިޝާނާ ވަހީދު (މެޑޯޒް / ގދ. ހޯނޑެއްދޫ)
- ބެޗެލާ އޮފް ޓީޗިން ޤުރުއާން: ފާތިމަތު ޝަރީފް (އަލްގެދަރު / ޏ. ފުވައްމުލައް)
ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު އަހްމަދު ޝަފީއު ދެއްކެވި ވާހަކަފުޅުގައި، އެންމެ ރަށެއްގެ މައްޗަށް އެކުލެވޭ ރާއްޖޭގެ ހަމައެކަނި އަތޮޅުގެ ގޮތުގައި އޮތް ޏ އަތޮޅު ފުވައްމުލަކުން ތަޢުލީމީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެކަހެރިކޮށް އޮތުމުން ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކާއިއެކު ވެސް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، އަތޮޅުތެރޭގައި މަރުކަޒުވެގެން ހިންގާ ހަމައެކަނި ކޮލެޖު ކަމަށްވާ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖު އުފެދި، މިހިސާބަށް އައުމުގައި ކޮލެޖުގެ ޗެއާމަން މުޙައްމަދު ވަހީދާއި، މުވައްޒަފުންގެ ބުރަ މަސައްކަތާއި ފުވައްމުލަކުގެ ރައްޔިތުންގެ ބައިވެރިވުމަށް ތައުރީފު ކުރެއްވިއެވެ. އަދި ޢަމަލީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ޒިކުރާ ކޮލެޖުގެ ދަތުރުން ހިތްވަރު ލިބިގަތުމަށް ދަސްވެނީންނަށް އިލްތިމާސްކުރެއްވިއެވެ.
ދަސްވެނީންގެ ފަރާތުން ވާހަކަދައްކަވަމުން ފާތިމަތު ޝަރީފް ސިފަކުރެއްވީ މިއީ ޤައުމަށާއި މުޖުތަމަޢަށް ޚިދުމަތްކުރުމުގެ އާ ފެށުމެއްގެ ގޮތުގައެވެ. އަދި ލެކްޗަރާއިންނާއި ކޮލެޖު މެނޭޖްމެންޓުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް، ހަމައެކަނި ސަނަދުވެރިންނަށް ނުވެ، އިލްމުވެރިންގެ ގޮތުގައި ޤައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމަށް އޭނާ ދަރިވަރުންނަށް ގޮވާލެއްވިއެވެ.
ގުޅުން ހުރި ޚަބަރު


ފުވައްމުލަކު "އަނބުލެ އަތިރި" ރަސްމީކޮށް ހުޅުވައިފި
ކިފާހް — November 10, 2026
ފުވައްމުލަކުގެ 71 ވަނަ ހާފިޒަކަށް އުމުރުން 12 އަހަރުގެ މިޝްޔާ
ކިފާހް — November 10, 2026ކޮމެންޓް
ލޯޑިންގ...
