
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން މާސްޓާސް ޑިގްރީ ނިންމި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި
މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި މަރުކަޒުވެގެން ހިންގާ ހަމައެކަނި ކޮލެޖު، ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން މިދިޔަ އަހަރުގެ އޯގަސްޓް މާހުން ފެށިގެން މިހިނގާ 2026 ވަނަ އަހަރުގެ ޖުލައި މާހުގެ ނިޔަލަށް އެކި ޕްރޮގްރާމްތަކުން މާސްޓާސް ޑިގްރީ ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.
ރޭ ފުވައްމުލަކު ސްކޫލް ހޯލްގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރު އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، އަބްދުﷲ ރިފާއުއެވ. މި މުއްދަތުގެ ތެރޭގައި ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ތަފާތު ދާއިރާތަކުން މާސްޓާސް ޑިގްރީ ހާސިލުކުރި 151 ދަރިވަރުންގެ ތެރެއިން 111 ދަރިވަރަކު މި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ދޭ އެންމެ ފަޚުރުވެރި އެއް އެވޯޑު ކަމުގައިވާ "ހުވަނދަގޭ ވަހީދު ހަނދާނީ އެވޯޑު" ދެ ދަރިވަރަކު ވަނީ ހާސިލުކޮށްފައެވެ. މި އެވޯޑަކީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ހިންގާ މާސްޓާސް ޕްރޮގްރާމްތަކުން އެއްވަނަ ހޯދާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ގްރޭޑް ޕޮއިންޓް އެވްރެޖް (ޖީޕީއޭ) ހޯދާ ދަރިވަރަށް ދެވޭ އެވޯޑެކެވެ. މިފަހަރު މި އެވޯޑް ހޯދާފައިވަނީ ރާއިދާ މޫސާ (އެލްޕާސޯ / ހދ. ކުމުންދޫ) – މާސްޓާސް އޮފް ޓީޗިން ޤުރުއާން އަދި އައިޝަތު އުއްމުހާނީ (ހީނާމާގެ / ގދ. ފިޔޯރީ) – މާސްޓާސް އޮފް އެޑިއުކޭޝަން އެވެ.
މީގެ އިތުރުން ތަފާތު ހަތަރު ދަރިވަރަކު ވަނީ "ޗެއާމަންސް އެވޯޑް" ވެސް ހާސިލުކޮށްފައެވެ. ޗެއާމަންސް އެވޯޑަކީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ މާސްޓާސް ޑިގްރީ ޕްރޮގްރާމް ނިންމި ދަރިވަރުންގެ ތެރެއިން ބުކް ޕްރައިޒް ހޯދި ދަރިވަރުންގެ ތެރެއިން އެންމެ މަތީ ގްރޭޑް ޕޮއިންޓް އެވްރެޖް ހޯދައި އެކި ކޯސްތަކުން އެއްވަނަ ހޯދާ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ. މި އެވޯޑް ހާސިލުކުރީ ވިޝާހް މުހައްމަދު އަލީ (އަނޯވާ / ޏ. ފުވައްމުލައް) – މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، އައިޝަތު އުއްމުހާނީ (ހީނާމާގެ / ގދ. ފިޔޯރީ) – މާސްޓާ އޮފް އެޑިއުކޭޝަން، އަބްދުލް ވާސިއު މަހްރޫސް (ގަނދަކޯޅިމާގެ / ޅ. ހިންނަވަރު) – މާސްޓާ އޮފް ޓީޗިން އިސްލާމް އަދި ރާއިދާ މޫސާ (އެލްޕާސޯ / ހދ. ކުމުންދޫ) – މާސްޓާ އޮފް ޓީޗިން ޤުރުއާން އެވެ.
މީގެ އިތުރުން 41 ދަރިވަރަކު ވަނީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ދޭ "ބުކް ޕްރައިޒް" ހާސިލުކޮށްފައެވެ. މިއީ ބެޗެލާސް ޑިގްރީއަށްވުރެ މަތީގެ ކޯސްތަކުން އެއްވެސް މާއްދާއަކުން ފެއިލްނުވެ 3.0 ނުވަތަ އެއަށްވުރެ މަތިން ޖީޕީއޭ ހާސިލުކުރާ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ.
މީގެ އިތުރުން ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ތެރެއިން ބައިނަލްއަގުވާމީ ކޮންފަރެންސްތަކުގައި ދިރާސާ ކަރުދާސް ހުށަހެޅި ދަރިވަރުންގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން، ފާއިތުވެދިޔަ ދެ އަހަރު ބޭއްވުނު ބައިނަލްއަގުވާމީ ކޮންފަރެންސްތަކުގައި ދިރާސާ ކަރުދާސް ހުށަހަޅާފައިވާ ދަރިވަރުންނަށް ހަނދާނީ ފިލަޔާއި ސެޓްފިކެޓް ދީފައިވެއެވެ. އެގޮތުން މި ރަސްމިއްޔާތުގައި ހަނދާނީ ފިލައާއި ސެޓްފިކެޓް ލިބުނު ދަރިވަރުންނަކީ ފާތިމަތު ޒައިނާ ޝާހިދު (ހިކިކަށިމާ / މާލެ)، ކިރަމް އަހްމަދު (ފަލަކް / ޏ.ފުވައްމުލައް)، ފާތިމަތު ޝަރުފާ މުޙައްމަދު (ރިކުއެސްޓް / ޏ.ފުވައްމުލައް)، އައިޝަތު ޝަޒްނާ (ފިނިވާދީ / ޏ.ފުވައްމުލައް)، ހައްވާ އަލީ (ހުދުފަސް / ސ.ފޭދޫ)، ހައްވާ ނޫރާ އަބްދުލްއަޒީޒް (މަޤްސަދު / ޏ.ފުވައްމުލައް)، އައިޝަތު ނަބީލާ (މަޤްސަދު / ޏ.ފުވައްމުލައް)، ވިޝާހް މުޙައްމަދު އަލީ (އަނޯވާ / ޏ.ފުވައްމުލައް)، ހުސާމް އިބްރާހިމް (ސިރިނޫވިލާ / ރ.ހުޅުދުއްފާރު)، އަލީ އާސިމް (ވިދުވަރުގެ/ ކ.ދިއްފުށި)، އަކްރަމް އަލީ (މާތިލަ / ބ. ދަރަވަންދޫ)، މުޙައްމަދު އާމިރު (ނީލްވިލާ / ރ.ކިނޮޅަސް)، އައިޝަތު ނަސީރާ (ތްރީ ފްލާވާ/ ސ.މީދޫ) އަދި ސައިފުﷲ އިދްރީސް (މާޒް. ހއ.އުލިގަން) އެވެ.
ދީނީ އަދި އިޖުތިމާއީ ގިނަ ކަންތައްތަކެއް އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ހިންގާ ޒިކުރާ ހިފްޒު ކްލާހުން މިދިޔަ އަހަރު ޤުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ ސަނަދު ހާސިލުކުރި ދަރިވަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައާއި ފައިސާގެ އިނާމުވެސް ވަނީ މި ހަފްލާގައި ދީފައެވެ. އެގޮތުން ހާފިޒުކަމުގެ ސަނަދު ހާސިލުކުރި ދަރިވަރުންނަކީ ޔޫސުފް ބިން އަހްމަދު ހަސަން (ގްރީޓް / ޏ. ފުވައްމުލައް)، މަރިޔަމް ހަސަން ދީދީ (ޑޭލައިޓްވިލާ / ޏ. ފުވައްމުލައް) އަދި އައިޝަތު މަންހަލް ހުސެއިން (ސްޓެއްލާ / ޏ. ފުވައްމުލައް) އެވެ.
މި ދަރިވަރުންނަށް ވަނީ -/10،000 (ދިހަ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރަފުވެރި މެހުމާން، މިނިސްޓަރު އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުﷲ ރިފާއު ވިދާޅުވީ، ޒިކުރާ އިންޓަނޭޝަނަލް ކޮލެޖަކީ ރާއްޖޭގެ މަތީ ތައުލީމުގެ މައިދާނަށް އެންމެ ހަނގު ކޮލެޖުތަކުގެ ތެރެއިން ކޮލެޖެއް ކަމުގައި ވީނަމަވެސް، ފާއިތުވެދިޔަ 11 އަހަރު ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް އެ ކޮލެޖުން ހޯދާފައިވާ ކަމަށެވެ. އެގޮތުން 6،500 (ހަ ހާސް ފަސްސަތޭކަ) އަށްވުރެ ގިނަ ދަރިވަރުން މި ކޮލެޖުން ދަސްވެނިވެފައިވާކަން ފާހަގަކުރައްވައި، މިއީ ހަމައެކަނި އަދަދުތަކެއް ނޫން ކަމަށާއި، މި ދަރިވަރުންގެ އަމިއްލަ ދިރިއުޅުން އާރާސްތުކޮށް މުޖުތަމައަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދިނުމަށް ފަހިކޮށްދެވުނު ފުރުސަތުތަކެއް ކަމަށް ސިފަކުރެއްވިއެވެ.
އަދި މުއައްސަސާއެއްގެ ނުފޫޒާއި އަގު ވަޒަންކުރެވެނީ އެތަނެއްގެ އުމުރުން ނޫން ކަމަށާއި، އެހެންނަމަވެސް އެތަނަކުން ބައްދަލުކޮށްދިން ދިރިއުޅުންތަކާއި އުފައްދައިދިން ފުރުސަތުތަކުން ކަމަށް ރިފާއު ވިދާޅުވިއެވެ. މީގެއިތުރުން ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ދިރާސާކުރުމަށް ދޭ އަހައްމިއްޔަތާއި މުޖުތަމައަށް ދޭ އަމަލީ އެހީތެރިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ދިރާސާތަކުގެ މުހިންމުކަން އަޅުގަނޑުމެންގެ މުޖުތަމައަށް އޮތް މިންވަރު ފާހަގަކުރައްވައި، މިކަން އިތުރަށް ފުޅާކުރުމަށް ހިތްވަރު ދެއްވިއެވެ. މިއަދު ދަސްވެނިވި ދަރިވަރުންނަކީ ހަމައެކަނި އިލްމު އުނގެނޭ ބަޔަކަށް ނުވެ، މައްސަލަތަކަށް ހައްލު ހޯދާ، އާ ކަންކަން އީޖާދުކުރާ އަދި ގައުމުގެ ތަރައްޤީގައި ހިއްސާވާ ބައެއްގެ ގޮތުގައި ވުމަށްވެސް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ދަރިވަރުންގެ ފަރާތުން ވާހަކަދައްކަމުން، މާސްޓާ އޮފް ޓީޗިން ޤުރުއާން ކޯހުން އެއްވަނަ ހޯދައި ހުވަނދަގޭ ވަހީދު ހަނދާނީ އެވޯޑް ހާސިލުކުރި ދަރިވަރު ރާއިދާ މޫސާ ބުނީ، މިއަދަކީ ހަޔާތުގައި އައި އެންމެ އުފާވެރި، އެންމެ ފަޚުރުވެރި އެއް ދުވަސް ކަމަށެވެ. އަދި އެންމެހައި ކާމިޔާބީއެއް އަޅަމެންނަށް މިންވަރުކުރައްވާ ފަރާތަކީ އަޅުގަނޑުމެން ހެއްދެވިފަރާތް ކަމަށާއި އެހެންކަމުން ﷲ ސުބުހާނަހޫވަތައާލާއަށް ހަމްދާއި ޝުކުރުކުރާ ކަމަށާއި، ދަތި އުނދަގުލާއި ގޮންޖެހުން ގިނަ އިލްމު އުނގެނުމުގެ މި ދަތުރު ކާމިޔާބުކުރުމުގައި ދާރިސުންނާއި މައިންބަފައިން، އަދި ކޮލެޖުގެ މެނޭޖްމެންޓާއި ހަޔާތުގެ ބައިވެރިން ވެދެއްވި އެހީތެރިކަމާއި ވީ ގުރުބާނީ ފާހަގަކޮށް، އެ ފަރާތްތަކަށް ހައްޤު ޝުކުރު އަދާކުރާ ކަމަށްވެސް ރާއިދާ ވަނީ ބުނެފައެވެ.
ގުޅުން ހުރި ޚަބަރު


ފުވައްމުލަކު "އަނބުލެ އަތިރި" ރަސްމީކޮށް ހުޅުވައިފި
ކިފާހް — November 10, 2026
ފުވައްމުލަކުގެ 71 ވަނަ ހާފިޒަކަށް އުމުރުން 12 އަހަރުގެ މިޝްޔާ
ކިފާހް — November 10, 2026ކޮމެންޓް
ލޯޑިންގ...
