
އެމްޑަބްލިއުއެސްސީން ހިންގާ ކަސްޓަމަރުން ހޭލުންތެރިކުރުމުގެ ޚާއްޞަ ޕްރޮގްރާމް ފައްޓަވައިދެއްވުމަށް އެމްޑީ ފަހުމީ ފުވައްމުލަކަށް
ދާދިފަހުން ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ދިނުމާ ހަވާލުވި މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ދެމުންދާ ޚިދުމަތްތަކާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޚާއްޞަ ހަރަކާތްތަކެއް ފައްޓަވައިދެއްވުމަށާއި އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ މިއަދު ހަވީރު ފުވައްމުލަކަށް ވަޑައިގެންފިއެވެ. ފަހުމީގެ އިތުރުން ކުންފުނީގެ ސީނިއަރ މެނޭޖްމަންޓުގެ ބޭފުޅުންވެސް މި ދަތުރުފުޅުގައި ފުވައްމުލަކަށް ވަޑައިގެންނެވިއެވެ.
އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި، ޚިދުމަތްތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، މި ހަރަކާތުގެ ތެރެއިން އެ ކުންފުނީގެ ކަސްޓަމަރުންގެ މައުލޫމާތު އަދާހަމަކުރުންވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ސީދާ ކަސްޓަމަރުންގެ ފަރާތުން މި ހަރަކާތުގެ ތެރެއިން ހޯދޭނޭ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
މި ދަތުރުފުޅުގެ ތެރެއިން އެ ކުންފުނީގެ ފުވައްމުލައް އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރުމުގެ އިތުރުން، ޑޯ-ޓޫ-ޑޯ ކެމްޕޭނަކާއި ރޯޑްޝޯއެއް ފުވައްމުލަކުގައި ކުރިއަށްދާނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. އެގޮތުން ފަހުމީ ބައިވެރިވެވަޑައިގަންނަވާ ޑޯ-ޓޫ-ޑޯ ހަރަކާތް އޮންނާނީ މާދަމާ ހެނދުނުއެވެ. އަދި ރޯޑްޝޯ އޮންނާނީ މާދަމާ ހަވީރާއި އާދީއްތަދުވަހު ހަވީރުއެވެ.
ގުޅުން ހުރި ޚަބަރު


ފުވައްމުލަކު "އަނބުލެ އަތިރި" ރަސްމީކޮށް ހުޅުވައިފި
ކިފާހް — November 10, 2026
ފުވައްމުލަކުގެ 71 ވަނަ ހާފިޒަކަށް އުމުރުން 12 އަހަރުގެ މިޝްޔާ
ކިފާހް — November 10, 2026ކޮމެންޓް
ލޯޑިންގ...
