
ޒިންމާދާރު ކަމާއި އުފެއްދުންތެރިކަމުގެ މައްޗަށް މުނިފޫހިފިލުވުމާ މަޖާކުރުން އިސްކުރުން "ޒުވާނުން ވަޒީފާގެމާހައުލަށް އެކަނި ބަރޯސާވުމުގެ ފޮރުވިފައިވާ އަނދިރި ފަރާތް"
ހަނދާނަށް އަންނަނީ މިއަހަރު މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ޝަރަފްވެރިކަން އެރުވުނު ބޭފުޅުންގެ ތެރެއިން މުޙައްމަދު މުސާ (ޗަމްޕާ އުއްޗު) އޭނާއާއި ބެހޭގޮތުން ދެވުނު ވީޑިއޯ ޕްރެޒެންޓޭޝަންގައި ވިދާޅުވި ބަސްކޮޅެއްގެމަތިންނެވެ. މިއަނދުގެ ޒުވާނުންނާއި ޒުވާނުންގެ ޒިންމާދާރުކަން ކުޑަވަމުންދާވާހަކައެވެ. ހަގީގަތުގައިވެސް ވިސްނައި ނުލައި ދޫކޮށްލެވޭނެވަރުގެ ވާހަކައެއް ނޫނެވެ.
ދިވެހި ޒުވާނުން އެއްވެސް ހާލެއްގައި ކަންނެތް ވާހަކައެއް ނޫނެވެ. އޮފީސްތަކުގައި ހަރުދަނާ ވަޒީފާތަކުގައި އުޅޭ ޒުވާނުން ކިތަންމެހާވެސް ގިނައެވެ. ވަޒީފާގެ މަސްއޫލިއްޔަތު ކިތަންމެ ފުރިހަމަޔަށްވެސް އަދާކުރެއެވެ. އެހެނަސް އަދުގެ ގިނަ ޒުވާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާލާއިރު މިސާލަކަށް އޮފީސް ނިންމާލުމަށްފަހު ގޭމްކުޅުމާ ކޮފީބޯން ކެފޭތަކުގައި ވަގުތުހޭދަކުރާކަން ފާހަގަކުރެވެއެވެ. މިކަމުން އަންގައިދެނީ ވަޒީފާގެ އިތުރުން އިޤްތިސާދީ އިތުރު ހަރަކާތްތަކުގެ ތެރެއިން ދިރިއުޅުން ކުރިއެރުވުމުގެ ވިސްނުމުގެ މައްޗަށް މުނިފޫހިފިލުވުމާއި އަރާމުކުރުން ކުރިޔަށްނެރެވޭކަމެވެ.
ނަމަވެސް ކާބަފައިންގެ ޒަމާނަށް ނަޒަރު ހިންގާލާއިރު އޭރުގެ ހާލަތުވަރަށް ތަފާތެވެ. މަހަށް ގޮސްލަފައި މަސްވިއްކާލެވުމުން ނުވަތަ މަސްކެއްކުންފަދަ ކަންކަން ކޮށްލުމުން ނިމުނީއެއްނޫނެވެ. ގޭދޮށުގައި ދުވަހުންދުވަހަށް ކުރަންޖހޭ މަސައްކަތްތައް ކުރުމާއި އެންދަމަން ގެންގުޅޭދާ ފަހަން ބަނދަރުމަތީގައި ހުންނަ ހޮޅުއަށްޓަށް ދާނެއެވެ. އަދި މިހެންތިބޭ ތިބުމުގެ ޖެހިގެން އަންނަދުވަހު މަސްވެރިކަން އިތުރަށް ރަނގަޅުކުރަން ކުރެވިދާނެ ކަނަކަމާއިމެދު ވާހަކަ ދައްކައި ބަހުސްކުރެއެވެ. އެހެނަސް މިއަނދު ފެންނަ މަންޒަރަކީ އޮފީސް ނިންމާފަ ގެއަށް އަންނަގޮތަށް ނިދަން އެރުން ނުވަތަ ފުޓުބޯޅަ ފަދަ ކޮންމެވެސް ކުޅިވަރެއް ކުޅުން ނުވަތަ ގޭމުކުޅުމާއިގެން މަޝްއޫލުވާ ތަނެވެ. އަދުގެ ޒުވާނުންގެ މެދުގައި އަމިއްލަ ނަފްސަށާއި މުޖުތަމައުއަށް ފައިދާހުރި ކަމެއްކުރުމުގެ ވިސްނުމާއި ހީވާގިކަން ކުޑަކަމުގައި ދަންނަވަންޖެހެނީ މިކަހަލަ ކަންކަން އަދުގެ މުޖުތަމައުގެ ތެރެއިން ފެންނާތީއެވެ.
ވަކީން ޚާއްސަކޮށް ގައުމެއްގެ އިގްތިސާދީ މައި ތަނބުތައް ކަމުގައި ވެވިދާނެ ޒުވާނުންގެ ކިބައިން މިފަދަ ކަންކަން ފެނުން އެއީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑުދެކެމެވެ. މިސާލަކަށް ތަފާތު ދެ މަގެއް ޚިޔާރުކުރި ދެ ޒުވާނުންގެ ވާހަކަޔަށް ބަލާލަމާ ހިނގާށެވެ. އެކަކު ދިޔައީ ސަރުކާރު އޮފީހެއްގެ ވަޒީފާއަކަށެވެ، އަނެކަކު އަންނައުނު ވިއްކާ ފިހާރައެއް ހުޅުވިއެވެ. އެހެނަސް ވިޔަފާރީގެ ކުރީކޮޅު މާބޮޑުފައިދާއެއް ނުވުމުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި ދަތިތަކެއް ދިމާވިއެވެ. އެހެނަސް ދައުލަތުގެ ވަޒީފާޔަށް ދިޔަ ޒުވާނާއަށް މިފަދަ ދަތިތަކަކާ ކުރިމަތިލާކަށް ނުޖެހުނެވެ. ފުރަތަމަ މަހުންފެށިގެން ބަރާބަރަށް މުސާރަ ލިބޭތީއެވެ. މީ ކުޑަކުޑަ އެންމެ ކަމެކެވެ. އަދުގެ ޒުވާނުންގެ ކިބައިގައި މިފަދަ ރިސްކު ނެގުމުގެ ކެރުންތެރިކަން ކުޑަވެ ވަޒީފާޔަށް ގޮސްގެން ދިރިއުޅުމެއް ބިނާކުރުމުގެ ފަސޭހަމަގު އިޚްތިޔާރު ކުރެވެން މިވަނީ ފަށާފައެވެ.
ވަޒީފާޔަށް ގޮސް އެލިބޭ އެއްޗަކުން ދިރިއުޅުމުގެ ކަންކަން ހަމަޖައްސައިގެން އުޅޭ ޒުވާނާ އިތުރު އެއްވެސް ކަމެއްގެތެރޭގއި އުޅެން ބޭނުންނުވާކަހަލަ އެވެ. މިކަން ފާހަނގަކުރެވޭ އަނެއް ކަމަކީ ފުވައްމުލައް ސިޓީކައުންސިލުން އިސްނަގައިގެން ގެންދާ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްތަކަށް ނަޒަރުހިންގާލީމައެވެ. މިފަދަ ކަންކަމުގައި ބައިވެރިވާން އަމިއްލަޔަށް ބޭނުންވެގެން ދާ ޒުވާނުން ނެތޭ ދެންނެވޭހާވެސް މަދެވެ. ތިމާއުޅޭ އޮފީހުގެ އެންމެން މިކަމުގައި ބައިވެރިވާންވާނެކަމަށް ނެރެވޭ މެމޯއެއްގެ ސަބަބުން އެތަނަށްގޮސް މޫނު ދައްކާލައި ފޮޓޯއެއް ނަގާލަންދަނީއެވެ. އެއްވެސް ހާލެއްގައި ތިމާއުޅޭ މުޖުތަމައުއަށް ޚިދުމަތެއްކުރުމާއި ވެށި ރައްކާތެރިކުރުންފަދަ ވިސްނުމެއްގައ މިޕްރޮގްރާމްތަކުގައި ބައިވެރިއެއްނުވެއެވެ. މިކަމުންވެސް އެނގިގެންދާ ކަމަކީ މުޖުތަމައުއަށް ޚިދުމަތްކުރުމުގެ މައްޗަށް ނިންޖާއި އަރާމު އިސްކުރެވޭކަމެވެ.
މަސް ނިންމާފައި މުސާރައިގެ ގޮތުގައި ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން އެލިބޭ މުސާރައިގެ އިންތިޒާރުގައި ތިބުމަށްވުރެ ސަރުކާރުތަކުގެ އެކި ސިޔާސަތުތަކުގެ ތެރެއިން ލިބިގެންދާ ހިލޭއެހީއާއި ލޯނު ބޭނުންކޮށްގެން އަމިއްލަ މަސައްކަތެއްކުރުމުގެ ވިސްނުމާއި ކެރުންތެރިކަން ދިވެހި ޒުވާނުންގެ ކިބައިގައި އިތުރުވާން އެބަޖެހެއެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިނިވަންކަމުގެ ފޮނިމީރުކަން އޭގެ އިންމެފުރިހަމަ ގޮތުގައި ލިބިގަނެވޭނީ މީހާ އިޤްތިސާދީ ގޮތުން މިނިވަންވި ވަރަކަށް ކަމެވެ. އާދެ! ދަންނަވަން މިއުޅޭވާހަކަޔަކީ ވަޒީފާޔަށް ގޮސްގެން އެލިބޭލާރިކޮޅަށް އަޅުދާސްތުނުވެ ހަމަ އިސްކޮޅަށް ތެދުވާން ކޮންމެ ޒުވާނަކުވެސް މަސައްކަތްކުރަން ވެއްޖެއެވެ. ހަމަ އިސްކޮޅަކީ މީހަކަށް ބަރޯސާނުވެ ދިރިއުޅުމުގެ ޒަރޫރަތްތައް ފުރިހަމަކޮށް ދިރިއުޅުން އުފާފާގަތިކުރެވޭވަރު އާމްދަނީއެއް ލިބޭނެ މަސައްކަތެއް ކުރުމެވެ.
ތަރައްޤީގެ ވާހަކަ ދައްކާއިރު އެންމެކައިރިން ފެންނަން އޮތީ ސިންގަޕޫރު ގެ އިގްތިސާދާއި އެ އިގްތިސާދު ކުރިއަރައިގެން އައި ގޮތުގެވާހަކައެވެ. އެ ގައުމުގެ ޒުވާނުގެ ކަންކަން ހުރީ ކިހިނެއްތޯ މިހާހިސާބުން ވިސްނާލަމާ ހިނގާށެވެ. އެ ގައުމުގައި ވަޒީފާ އަދާކުރާ ގިނަ ޒުވާނުން އޮފީސް ނިމުމާއެކު އެބައެއްގެ ދާއިރާއިން އިތުރު ތަމްރީން ހޯދަން މަސައްކަތް ފަށައެވެ. އަނެއްބައިމީހުން އޮފީސް ނިންމާފައި އެ އޮންނަ ހުސްވަގުތުގައި އަމިއްލަ ވިޔަފާރިއެއް ކޮޅަށް ޖެހުމަށް މަސައްކަތްކުރެއެވެ. އެއާޚިލާފަށް އަޅުގަނޑުމެން އޮފީސް ނިންމާފައި ކޮފީބުއިމާއި ގޭމުކުޅުން ނުވަތަ ތަފާތު އެހެނިހެން ކުޅިވަރުތަކުގައި މަޝްއޫލުވަނީއެވެ. މިކަމުންވެސް ދެގައުމުގެ އިގްތިސާދީ ހާލަތު މިހާތަފާތުވާންޖެހޭ އެއް ސަބަބު ހާމަވެގެން އެބަދެއެވެ.
ދައުލަތުގެ އިދާރާތަކާއި ވަކީން ޚާއްސަކޮށް އެސް.އޯ.އީ ތަކުގެ ވަޒީފާތަކަށް އެކި ސަބަބުތަކާހުރެ ޒުވާނުން މިތިބީ ހޭނި ދިރިއުޅުމުގެ ކަންކަން ހަމަޖައްސާން އޮތް އަސާސީ މަގަކީ އެއީ ކަމުގައި ލޮލުން ބޮލުން ގަބޫލުކޮށްގެންނެވެ. މިގޮތަށް އަޅުގަނޑުމެންނަށް ކުރިޔަށް ދެވޭނީ ކިހާދުވަހެއް ވަންދެންބާވައެވެ. މީގެ 20 ނުވަތަ 30 އަހަރު ފަހުން ގައުމުގެ އުފެއްދުންތެރިކަމަށް ވާނީ ކިހިނެއް ހެއްޔެވެ. އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުން އިޤްތިސާދު ވެއްޓޭނީ ކިހާބޮޑު އަނދަވަޅަކަށްހެއްޔެވެ؟ މި އަނދަވަޅުން އަރައިގަނެވީނީ ކިހިނަކުން، ކިހާދުވަހަކުންހެއްޔެވެ؟ މިހާލަތު އައިސްފިކަމަށް ވަންޏާ ގައުމުގައި ވިޔަފާރިވެރިން އޮންނާނީ މަދުވެފައެވެ. މުޖުތަމައު އެއްގައި ކުރާނެ ކޮމިއުނިޓީ ލީޑަރުންނެއް ނުތިބޭނެއެވެ. އިގްތިސާދު އޮންނާނީ ދައުލަތުންދޭ ވަޒީފާއަކަށާއި ޓުއަރިޒަމްއަށް ބަރޯސާވެ ނިމިފައެވެ.
މިއީ އަޅުގަނޑުމެން އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ކަމަކަށް ނުފެނެއެވެ އެހެންކަމުން މިދުވަސް އައުމުގެ ކުރިން މިއަދު މިކަމާއި ދޭތެރޭ ވިސްނައި އަޅުގަނޑުމެންގެ ދިރިއުޅުމަށާއި ގަބޫލްކުރުންތަކަށް ބަދަލުތަކެއް ގެންނަންޖެހިއްޖެ ކަމުގައި ދެކެމެވެ.
