
ފުވައްމުލައް ސިޓީގައި ގާއިމުކުރާ ހައުސިން ޔުނިޓްތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް ބާއްވައިފި
ފުވައްމުލައް ސިޓީގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ 75 ހައުސިންޔުނިޓް އާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ބައްދަލުވުމެއް ރޭ ބާއްވައިފިއެވެ.
ރޭ 20:30 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، ރައްޔިތުންގެ އެންމެ އަސާސީ އެއް ބޭނުން ކަމަށްވާ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކުރިއަށްދާއިރު، އެ ތަންތަނަކީ ރައްޔިތުންގެ ޚިޔާލާއި އުއްމީދުތަކާ އެއްގޮތަށް ފުރިހަމަ ކުރެވިފައިވާ ތަންތަނަށް ހެދުމެވެ.
ފުވައްމުލަކުގެ އެންމެހައި ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން ބޭއްވި މި ބައްދަލުވުމުގައި، ހައުސިން ޔުނިޓްތަކާ މެދު ރައްޔިތުން ދެކޭގޮތާއި ތަސައްވުރު ހިއްސާކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. ސިޓީ ކައުންސިލުން އަބަދުވެސް އަންނަނީ ރައްޔިތުންނާ ސީދާ ގުޅުންހުރި މިފަދަ ކަންކަމުގައި އާންމުންގެ ޚިޔާލު ހޯދުމަށް ބައްދަލުވުންތައް އިންތިޒާމުކުރަމުންނެވެ. އެގޮތުން އަލަށް އިންތިޚާބުވި ކައުންސިލުން ވަނީ ރަށުގެ އެކި އަވަށްތަކުގެ އިތުރުން، މިހާރު ގާއިމުކުރެވިފައިވާ ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
ނަމަވެސް، ރައްޔިތުންގެ ސީދާ މަސްލަހަތާއި ގުޅިފައިވާ މިފަދަ މުހިންމު ކަންކަމުގައި ބަސްބުނަން ލިބޭ ފުރުސަތުތަކައް އާންމުންގެ ތަރުހީބު ކުޑަކަން ފާހަގަކުރެވެއެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރަށުގެ ތަރައްގީއާ ގުޅިފައިވާ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ދިނުމަކީ ރަށަށް އަންނަ ތަރައްގީ އިތުރަށް ފުރިހަމަވެގެންދާނެ ކަމެކެވެ.
