ޓްރެންޑިންގLoading...
Logo
ފުވައްމުލައް ސިޓީ ކައުންސިލް ވެޓްރެންސް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިރޭ
ކުޅިވަރު

ފުވައްމުލައް ސިޓީ ކައުންސިލް ވެޓްރެންސް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިރޭ

September 8, 2026ކިފާހް22

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ވެޓްރެންސް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅުމަށް ތާވަލުކޮށްފިއެވެ.

މިރޭ ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދޫނޑިގަން އަދި މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:15 ގައެވެ. ސެމީގެ ދެވަނަ މެޗުގައި 21:30 ގައި ޑީއެސްއާރުސީ ނުކުންނާނީ ޔުނައިޓެޑް ދިގުވާނޑާ ދެކޮޅަށެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވީ ސެޕްޓެމްބަރު 6 ވީ އާދީއްތަ ދުވަހުގެ ރޭ ކުޅެވުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށްފަހުއެވެ.

އެރޭ ކުޅެވުނު ފުރަތަމަ މެޗުގައި ދޫނޑިގަން ވަނީ 3-0 އިން ޔުނައިޓެޑް ދިގުވާނޑު ބަލިކޮށްފައެވެ. މިއީ ދޫނޑިގަންގެ އަހްމަދު މުބީން ޖެހި ދެ ލަނޑާއި، ގާސިމް މުޙައްމަދު ކާމިޔާބުކޮށްދިން ލަނޑުން ހޯދި މޮޅެކެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދެ ލަނޑު ޖެހި މުބީންއެވެ.

ދެވަނަ މެޗުގައި މޭރެބޮލް އަދި އެކުވެރި ފުނާޑު ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މޭރެބޮލް ޓީމުގެ ގޯލްކީޕަރު އިސްމާއިލް މުރާދު ހުސެއިންއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޑީއެސްއާރުސީ އިން ވަނީ 2-0 ގެ ނަތީޖާއަކުން މިސްކިތްމަގު އެންމެންގެ ގުޅުން ބަލިކޮށްފައެވެ. މެޗުގައި ޑީއެސްއާރުސީގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ މުޙައްމަދު އިނާޔަތުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެ ޓީމުގެ އިބްރާހިމް އަހުސަންއެވެ.

މި ނަތީޖާތަކާއެކު ގްރޫޕް 'އޭ' ގެ އެއްވަނަ ދޫނޑިގަން ހޯދިއިރު، ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ ޔުނައިޓެޑް ދިގުވާނޑެވެ. ގްރޫޕް 'ބީ' ގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ގްރޫޕްގެ އެއްވަނަ ޑީއެސްއާރުސީ ހޯދިއިރު، ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ މިސްކިތްމަގު އެންމެންގެ ގުޅުމެވެ. ސެމީ ފައިނަލްގެ މެޗުތައް ރޭވިފައިވަނީ ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ކްރޮސްވާ ގޮތަށެވެ.

ޙިއްޞާ ކުރާ:

ފޮލޯ ކުރައްވާ