twitterviber whatsapp telegramfacebookyoutube instagram

23 ޑިސެންބަރުގެ ބޮޑު މުޒާހަރާ ފުވައްމުލަކު ގައުމީ އިދާރާއިން ކުށްވެރިކޮށްފި

Dec 13, 2011

އިސްލާމް ދީން ހިމާޔަތް ކުރުމަށްކަމަށްބުނެ މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތައް ގުޅިގެން މިމަހުގެ 23 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާ ކުށްވެރިކޮށް ފުވައްމުލަކު ގައުމީ އިދާރާއިން ނޫސްބަޔާނެއް ނެރެފިއެވެ.

23 ޑިސެންބަރުގެ މުޒާހަރާ ކުއްވެރިކޮށް ފުވައްމުލަކު ގައުމީ އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނުގައި 23 ޑިސެންބަރުގެ މުޒާހަރާ ރާވާ ފަރާތްތަކުން މިރާއްޖޭގެ އަމާންކަމާއި، ސުލްހަ މަސަލަސްކަމަށް ބުރޫއަރާނެ އަމަލުތަކެއް ހިންގުމަށް ވިސްނާފައިވާކަމުގެ ހެކިތަކެއް ފެންމަތިވެފައިވާކަމަށް ބުނެފައި ވެއެވެ. އަދި މި މުޒާހަރާ ރޭވުމުގައި މަސައްކަތްކުރައްވާ އަދާލަތު ޕާޓީގެ ރައީސް އިމުރާން އަބުދުﷲ އިފްތިތާހު ކޮށްދެއްވި ވެޕްސައިޓެއްގައި ލޭ އޮހޮރުވުމަށާއި މީހުން ގަތުލުކުރުމަށް ގޮވާލައި އެކަމަށް ހިތްވަރު ދީފައިވާތީ ފުވައްމުލަކު ގައުމީ އިދާރާއިން ހިތާމަކުރާކަމަށާއި އަދި ދީނީ ދަންނަބޭކަލުން އިސްކޮށް ތިއްބަވައިގެން ދީން ހިމާޔޔަތްކުރުމުގެ ނަމުގައި ހިންގާ ހަރަކާތެއްގައި އިންސާނިއްޔަތާއި އިސްލާމް ދީނާ ޚިލާފް ނޭއްގާނީ އަމަލުތަކެއް ހިންގުމަށް ބާރުއަޅާފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްވެސް ބުނެފައި ވެއެވެ.

ތަޅާފޮޅުމާއި މީހުން މެރުމަށް ހިތްވަރުދީ އެފަދަ ކަންތައްތަކަށް ގޮވާލާ އެއްވުންތަކަކީ ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ސުލްހަވެރި އެއްވުންތަކުގެ ހުދޫދުން ބޭރުގައިވާ، ގާނޫނާ ޚިލާފު އަމަލުތަކަށްނޫނީ ނުވާނެކަމަށާއި އަދި މިފަދަ ކަންތައްތަކަކީ އެންމެ ބޮޑެތި ޖިނާއީ ކުއްތަކުގެ ތެރޭގައި ހިމެނޭ ކުށްތަކަށްވީހިނދު، މިފަދަ ކުށްތަކަށް ހިތްވަރު ލިބޭފަދަ އަމަލުތައް ފުވައްމުލަކުގައި ނުކުރުމަށް މިކަން ރާވާފަރާތްތަކަށް ފުވައްމުލަކު ގައުމީ އިދާރާގެ ނޫސްބަޔާނުގައި ނަޞޭހަތްތެރިވެފައި ވެއެވެ.

23 ޑިސެންބަރުގެ މުޒާހަރާގައި މީހުންމެރުމާއި ލާއިންސާނީ އަމަލުތައް ހިންގުމަށް ރާވާފައިވާކަމަށް ސަރުކާރާއި އެމްޑީޕީ ތުހުމަތު ކުރިނަމަވެސް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝޭހް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ ޑިސެމްބަރު 23 ގައި ބާއްވާ މުޒާހަރާ އަކީ ސުލްހަވެރި މުޒާހަރާއެއް ކަމަށާއި އެ މުޒާހަރާގައި ދިވެހި އެއްވެސް ރައްޔިތަކަށް ނުހައްގުން އަނިޔާއެއް ވުމަކީ އެ ޕާޓީން އެދޭ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ސުލްހަވެރި އެ އެއްވުމަށް ފުރުސަތު ދިނުމަށް ވެސް އޭނާ ގޮވާލައްވާފައި ވެއެވެ. މުޒާހަރާގެ މަގުސަދާބެހޭގޮތުން ސަރުކާރާ އެމްޑީޕީން ކުރަމުންދާ ތުހުމަތުތައް މުޒާހަރާ ރޭވުމުގައި އިސްކޮށް މަސައްކަތްކުރައްވާ ފަރާތްތަކުންވެސްވަނީ ދޮގުކުރައްވައިފައެވެ.

މި މުޒާހަރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް ރޭ އިފްތިތާހުކުރި ވެބްސައިޓެއްގައި މީހުން މެރުމަށް ހިތްވަރު ލިބޭފަދަ އިބާރާތްތަކެއް ހުރި މައްސަލައެއްވަނީ ފެންމަތިވެފައެވެ. މި ވެބްސައިޓްގައި މިފަދަ އިބާރާތްތަކެއް ހިމެނިފައިވަނީ އޮޅުމަކުންކަމަށްބުނެ އެ އިބާރާތްތައް ވެބްސައިޓުން ނަގާފައިވަނިކޮށް ބަޔަކުވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި މި ވެބްސައިޓް ހެކް ކޮށްފައެވެ. މުޒާހަރާ ރޭވުމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން މިހާރު ތުހުމަތުކުރާގޮތުގައި ވެބްސައިޓްގެ ބައެއް އިބާރާތްތަކާވެސް ބަޔަކުވަނީ ކުޅެފައެވެ.

23 ޑިސެންބަރުގެ މުޒާހަރާއަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ތާއީދުކޮށް ވާހަކަ ދައްކަވަމުން ގެންދަވާއިރު ސަރުކާރާއި އެމްޑީޕީންދަނީ މުޒާހަރާ ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.

ނަން
ކޮމެންޓް
Maairi Online 2025