twitterviber whatsapp telegramfacebookyoutube instagram

ހަމައެކަނި ފޮތުގައި އޮންނަ އެއްޗެއް ދަސްކުރުމަކީ އިލްމު އުނގެނުން ކަމުގައި ވެދާނެބާ

Apr 16, 2025

ކިއެވުމަކީ އެކިބާވަތުގެ އިލްމު އުނގެނުން ކަމުގައި ބުނެވިދާނެއެވެ. އިލްމު އުނގެނުމުގެ އެންމެ އާންމު ގޮތަކީ ސްކޫލް މަދަރުސާފަދަ ތަންތަނަށްގޮސް ފޮތްތަކާއި ޓީޗަރުންގެ ކިބައިން ކަނޑައެޅިފައިވާ ބައެއް ބާވަތުގެ އިލްމު އުނގެނުން ކަމުގައި ބުނެވިދާނެއެވެ. ނަމަވެސް ފޮތްތަކުގައި ހުރި މައުލޫމާތުތަކެއް ހަމައެކަނި އުނގެނުމަކީ އިލްމު އުނގެނުން ނުވަތަ ކިއެވުން ކަމުގައި ބުނެފައި އެހިސާބުން ނިންމާލެވުނު ދުވަސް މާޒީ ވެއްޖެއެވެ

އެންމެ ކުރީޒަމާނުގައި އިންސާނާ އިލްމު އުނގެނުނު ގޮތަށް ބަލާއިރު އިންސާނާ އޭރު ދިރިއުޅެމުން އައި މުޖުތަމައުގައި ލިޔެކިޔުން އޮތީ މިއަދު އެކަން އޮތް ގޮތަކަށް ނޫނެވެ. އެމީހަކަށް ލިބިފައިވާ އިލްމެއް ހިއްސާކުރުމާއި އެދެވޭގޮތެއްގައި މުޖުތަމައު ގަބޫލުކުރާ މިންގަނޑެއްގައި ބަނޑުފުރާނަ މުއްތި ކުރާނެ ގޮތާއި ބޯހިޔާވަހިކަން ހޯދުމުގެ ގޮތުން ގެދޮރުއެޅުމުގެ މަސައްކަތް ދަސްކުރުމުގެ އިތުރުން ތިމާގެ ރައްކާތެރިކަމާއި ތިމާހިމެނޭ މުޖުތަމައު އަދި ގައުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ހަތިޔާރު ތައްޔާރު ކުރާނެގޮތާއި ދީނީ އަދި އިޖްތިމާއީ ހުދޫދުތަކާއި ހުކުމްތައް ދަސްކުރުމަކީ އިލްމުގެ ކޯރުގެ ކޯވަރެއްގެ މިންވަރެވެ. އެހެންކަމުން އިލްމު އުނގެނުން ނުވަތަ ކިއެވުމުގެ ނިޒާމު ތަރައްގީވެގެން އައީ އިންސާނާއާއި އޭނާގެ ވަށައިގެންވާ ގުދުރަތީ މާހައުލާއި ދެމެދު އޮތް ކޯޅުންގަނޑެއްގެ ތެރެއިން ކަމުގައި ބުނެވިދާނެއެވެ.

ނަމަވެސ ޒަމާނީ ތއުލީމީ ނިޒާމަކީ ހަމައެކަނީ ބަޔާންވެދިޔަ ކަންކަން އުނގެނުމާއި ހަމަޔަށް ހަނިވެފައިއޮތް އެއްޗެއްނޫނެވެ އެއާއި ޚިލާފަށް އިންޓަނެޓްފަދަ ބައެއް ޒަމާނީ ވަސީލަތްތަކުގެ އެހީގައިއާއި ބައެއް ޒަމާނީ ހޯދުންތަކުގެ ސަބަބުން އިލްމު އުނގެނުމަށް ހީވެސްނުކުރާފަދަ ބޮޑެތިބަދަލުތަކެއް މިވަނީ އައިސްފައެވެ. އައު އީޖާދުތަކާއި ހޯދުންތަކުގެ ސަބަބުން އިލްމު އުނގެނުން މިވަނީ ބޮޑުތަނުން ފުޅާވެފައެވެ. ދުވަހަކު ބަޔަކު ހުވަފެނުންވެސް ނުދެކޭފަދަ އީޖާދުތަކާއި ކައުނުގައިވާ ހަގީގަތްތައް ސައިންސާއި ޓެކްނޮލޮޖީގެ އަލީގައި ކިއަވާކުދިން މިދަނީ ހޯދައި އެނގިގަންނަމުންނެވެ.

މަތީގައި ދެންނެވި ކަންކަން މިހެން އޮތްއިރު ޒަމާނީ އިލްމު އުނގެނުމުގެ ނިޒާމުގައި އިތުރަށް ވިސްނާލަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމުގައިވެސް ބުނެވިދާނެއެވެ. އެގޮތުން އިލްމު އުނގެނުން ސްކޫލުގެ ހަތަރުފާރުތެރެއަށް ހަނިވެ ކިއެވުމަކީ ދަރިވަރުންނަށް މައުލޫމާތު އުނގަންނައި ދިނުންކަމުގައި ވެއްޖެއެވެ ނުވަތަ ފޮތުގައި އޮންނަ އެއްޗެއް ދަސްކުރުން އެކަނި ކަމުގައި ވެއްޖެއެވެ. މިކަން މިހެންވުމުން އަޅުގަނޑުމެންގެ ކިބައިގައި ހުރީ މައުލޫމާތެވެ ތަޖުރިބާއާއި އަމަލީ މައިދާނުގައި މިމައުލޫމާތުގެ ބޭނުން ހިފާނެ ހުނަރާއި ގާބިލުކަމެއްނެތެވެ ނުވަތަ މި ކަންކަން އަޅުގަނޑުމެންގެ ކިބައިގައި މިވަނީ އަށަގަންނުވާން ޖެހިފައެވެ. އަދުގެ ޖީލުގެ މައުލޫމާތު މުއްސަންޖެވެ އެހެނަސް އަމަލީ ދިރިއުޅުމުގައި ބޭނުންވާ މުހިންމު ހުނަރުތަށް އިތުރު ކުރުމަށް މިވަނީ އިތުރަށް ސަމާލުކަންދީ މަސައްކަތް ކުރާންޖެހިފައެވެ. އަޅުގަނޑުމެންގެ އިލްމު އުނގެނުން ބައްޓަންވެފައި މި ހުންނަމަގީ ހެނދުނު ތެދުވެ ފޮތްކިއައިގެން ސްކޫލަށް ދިއުމާއި ކްލާސްތައް ނިންމާލުމައްފަހު ޓިއުޝަނަށް ދިމުމެވެ. އަދި އޭގެ ފަހުން ގެއަށްވަނުމާއިއެކު ހޯމްވޯރކް ހެދުމެވެ ކުއްޖާގެ ވިސްނުމާއި ގާބިލުކަން އިތުރުވާނެ ފުރުސަތުތައް އެންމެ އެކަށީގެންވާ މިންވަރަކަށް ނުލިބެޔޭ ދެންނެވިދާނެއެވެ.

އަޅުގނޑު ގަބޫލް ކުރާގޮތުގައި ހަގީގީ މާނާގައި ކިއެވުމަކީ އެކިއަވާއެއްޗެއް އެކަށީގެންވާ ވަރަށް ދޭހަވުމާއެކު އަމަލީ މައިދާނުގައި އޭގެ ބޭނުންހިފަން އެނގުމެވެ. ޓީޗަރަކު މުދަލުގެ ޑިމާންޑަށް އަންން ބަދަލު ދައްކުވައިދޭ ޑައިގްރާމެއްގައި ޑިމާންޑު އިތުރުވުމުން ޑިމާންޑް ލައިން ޖެހޭނީ ވާތަށްތޯ ކަނާތަށްތޯ ނޭނގިގެން ނުވަތަ އޮޅިގެން އުޅުނުތަނަކީވެސް ކްލޭހެއްގެ ތެރެއިން ފެނުނު މަނަޒަރެކެވެ. އެކަމަކު އެ ޓީޗަރަކީ މާސްޓާސް ހައްދަވައި އެ ޕްރޮގްރާމްގައި ރަން މެޑަލް ހޯއްދެވެ ބޭފުޅެކެވެ. އާދެ ހިތުދަސްކޮށްގެން ޕޭޕަރުގައި އަންނަ ސުވާލްތަކަށް ޖަވާބުދެވުމުން ޕޭޕަރުން ރަނގަޅު ނަތީޖާ ލިބެއެވެ.

ދަރިވަރުން ހިތުދަސްކުރަން އުޅެގަންނަ މައިގަނޑު ސަބަބަކީ ތައުލީމީ ނިޒާމުގެ ތެރޭގައި ލިބޭ ގްރޭޑަށް އިސްކަންދިނުމުގެ ސަގާފަތެއް އޮތުމުން ކަމުގައިވެދާނެއެވެ. އެހެނަސް ހުނަރުވެރިކަމާއި ދަސްކޮށްފައިވާ އިލްމެއްގެ ބޭނުންކުރަން އެނގުމަކީ ވަށާޖެހޭ ތައުލީމުގެ އެންމެ މުހިންމު އެއް އަސާސެވެ އަދި އަމަލީ ދިރިއުޅުމުގައި ކާމިއާބުގެ ދޮރޯށީގެ ތަޅުދަނޑި ކަމުގައި ކަމުގައި އަޅުގަނޑަށް ގަބޫލް ކުރެވެއެވެ.

ގްރޭޑަށް އިސްކަން ދިނުމުން ދަރިވަރު ވެގެންދަނީ ފޮތް އަރުވާފާއޮތް ލޮރީއަށް ވީހެންނެވެ. ދަރިވަރުގެ ކިބައިގައި މައުލޫމާތު ހުރެއެވެ އެކަމަކު އެމައުލޫމާތުގެ ބޭނުން ހިފާކަށް ނޭނގެއެވެ. އަދި މަސައްކަތުގެ މާހައުލަށް ބޭނުންވާ ހުނަރުތަކެއް ދަރިވަރުގެ ކިބައިގައި ނުހުންނަތަންވެސް އަންނަނީ މަދަކުން ނޫނެވެ. މިހެންވާންޖެހެނޭ އިލްމާއެއްވަރަށް ހުނަރު އިތުރުކުރަން ތައުލީމީ ނިޒާމުގެތެރެއިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރވޭތީ ކަމުގައި ވެދާނއެވެ. ނުވަތަ ބެލެނިވެރިންނާއި ދަރިވަރުންނަށް މިކަމަށް ދޭންވާ އަހައްމިއްޔިތު ނުދެވި އެކަމަށް ކުރަންޖެހޭ މަސައްކަތް ނުކުރެވޭތީ ކަމަށްވެސް ވެދާނެއެވެ. އެހެން ކަމުން އަޅުގަނޑު ގަބޫލްކުރާގޮތުގައި ވަޒީފާ ދިނުމުގައި އަދި މަގާމުގެ ކުރިއެރުން ދިނުމުގައި ދަރިވަރުގެ އަތުގައި އޮންނަ ފާހަށް ބެލުން މުހިންމުއިރު އަމަލުން އެ އިނގިފައިވާ އެއްޗެއް ދައްކުވައިދޭން އެނގޭ މިންވަރަށްވެސް ރިއާޔަތްކުރުން އެހާމެ މުހިންމެވެ. ކިތަންމެ މަތީ ފާހެއް އޮތަސް މަސައްކަތުގެ މާހައުލުގައި އޭނާ އުނގެނިފައި ހުންނަ އިލްމު ބޭނުންކުރަން ނޭނގޭ މީހާގެ ކިބައިން ތަނައް އެންމެ އެކަށީގެންވާ ފައިދާއެއް ނުކުރާނެއެވެ. އެހެންކަމުން ކިއެވުން ނުވަތަ އިލްމު އުނގެނުމާއި ދޭތެރޭގައި އަޅުގަނޑުމެން އިތުރަށް ވިސްނައި މިހާރު މިކަންކަމާއި ދޭތެރޭ ދެކޭގޮތް ބަދަލުކުރުން މިވަނީ ލާޒިމު ކަމަކަށް ވެފައެވެ.

Maairi Online 2025