twitterviber whatsapp telegramfacebookyoutube instagram

ވަޒީފާ ސިޔާސީވަނީ ކީއްވެ އަދި އޭގެ ގެއްލުންވަނީ ކޮންބަޔަކަށް.

Apr 21, 2025

ވަޒީފާއަކީ މަދުވެފައި ނިސްބަތުންގިނަ މީހުން އެއަށް ބޭނުން ޖެހިފައިވާ އެއްޗެކެވެ. ކައިރީގައި ރިސޯޓެއް ނެތުމުން ފަތުރުވެރިކަމުގެ ސިނާއަތުތެރެއިންވެސް ފުވައްމުލައް ފަދަ ޖޯގްރަފީގޮތުން އެކަހެރި ރަށްރަށުގެ ޒުވާނުންނަށް ވަޒީފާގެ މާގިނަ ފުރުސަތުތަކެއް ރަށުގައި ތިބެގެން ނުވަތަ އާއިލާޔާއި ދުރަށް ނުގޮސް ލިބޭނެގޮތެއް ނޮއޮވެއެވެ. އެހެނަކަމުން ފުވައްމުލައް ފަދަ ރަށްރަށުގައި ސަރުކާރުގެ އެކި އިދާރާތަކުންނާއި ކުންފުނި ތަކުން އުފެދޭ މަދު ވަޒީފާތަކށް ވަރަށް ޑިމާންޑް ބޮޑެވެ. ނުވަތަ އުފެދޭ ވަޒީފާތަކައްވުރެ އެވަޒީފާޔަށް ދާންބޭނުންވާ މީހުން އިންތިހާޔަށް ގިނައެވެ.

ކަންމިހެން ހުރުމާއިއެކު ވަޒީފާ ބޭނުންވާ މީހާ ކޮންމެ ހާލެއްގައި ކޮންމެ ގޮތަކަށްވެސް އެ ވަޒީފާ ލިބޭތޯ މަސައްކަތްކުރެއެވެ. އެއްބަޔަކު ކިޔެވުމަށް ގަދައަޅައި މަސައްކަތް ކޮށް ގާބިލްކަމާއި ހުނަރާއިއެކު ވަޒީފާޔާ ކުރިމަތި ލައެވެ. އަނެއްބަޔަކު ނުފޫޒުގަދަ ސިޔާސީ މީހަކު މެދުވެރިކޮށްގެން ވަޒީފާ ހޯދަން އުޅެއެވެ. ދައްކަން މިއުޅޭވާހަކައަކީ މިއީއެވެ. ވަޒީފާ ދިނުމަށް ނިޒާމުގެ ތެރެއިން ވަކި އުސޫލުތަކެއް ކަނޑައެޅިފައިވަނިކޮށް އެ ނިޒާމަށް ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ނުފޫޒު ފޯރުވުމާއި މިގޮތަށް މިކަން ކުރުމުން ދެންދިމާވާ ނެއެދެވޭ ކަންކަމުގެ ވާހަކައެވެ.

ޒަމާނީ ޑިމޮކްރެސީ މި ދިވެހި ރާއްޖެއަށް ތައާރަފް ވެ މިގައުމުގައި ރައްޔިތުންގެ ނިންމުމަކުން ވެރިކަމާއި ހަވާލުވި ފުރަތަމަ ސަރުކާރަކީ 2008 ވަނަ އަހަރު މިގައުމުގެ ވެރިކަމާއި ހަވާލުވި ސަރުކާރެވެ. ފާޅުކަން ބޮޑު ގޮތެއްގައި ވަޒީފާތަކަށް ސަރުކާރުގެ ތެރެއިން ސިޔާސީ ނުފޫޒު ފޯރާން ފެށި މިއަނދު އަޅުގަނޑުމެންނަށް މިފެންނަ ހާލަތު އުފަންވުމުގެ ފެށުމަކީމިއީ ކަމުގއި އެއްބަޔަކު ގަބޫލުކުރެއެވެ. ސީދާރައްޔިތުން ބަސް ބުނެގެން އައި ސަރުކާރަކަށް ވުމުން ރައްޔިތުން ބުނާބަޔަކަށް ނުވަތަ އެ ސަރުކާރަކަށް ތާއީދު ކުރާ ބަޔަކަސް ނުވަތަ އެބަޔަކު ބޭނުންވާ މީހުންނަށް ވަޒީފާ ދޭން ޖެހޭނެކަމަށް ރައްޔިތުން ގެ ތެރެއިން ބަޔަކު ގަބޫލްކުރަން ފެށި ހިސާބުންކަމުގައި އަޅުގަނޑު ދެކެނީ މި ދެންނެވި ހިސާބެވެ. ނުވަތަ މިކަން މިހެންވާންޖެހޭ ކަމަށް ރައްޔިތުންނަށް ބަޔަކު ވިސްނަދޭން ފެށި ހިސާބަކީ މިއީއެވެ. އާ ގާނޫން އަސާސީގެ ތެރެއިން ތިން ރިޔާސީ އިންތިޚާބު ބާއްވައި ތިން ވެރިން ގެ ވެރިކަންފެނި ހަތަރުވަނަ ވެރިޔާ ވެރިކަމާއި ހަވާލުވާން ތައްޔާރުވާއިރު ފެންނަމުންދާ މަންޒަރަކީ މިގައުމުގައި ވަޒީފާ ވެފައި މިއޮތީ ސިޔާސީވެރިން ވޯޓުހޯދަން ގެންގުޅޭ ހަތިޔާރަކަށެވެ. ހިތާމަޔާއެކު ފާހަނގަކޮށްލަންޖެހޭ ކަމަކީ ވެރިކަމަށް އަންނަން ކުރެވޭ ކެމްޕެއިން ތަކުގައި އެންމެ ބާރަށް ދެކެވޭ ވާހަކަޔަކީ ބަޔާންވެދިޔަ ކަންކަން ނިމުމަކަށް ގެންނަ ވާހަކަ ކަމުގައިވިޔަސް އެކަން އެހެން ވަމުން ދާ މަންޒަރެއް ނުފެނެއެވެ.

އަދި ކިއެއްތަ ފެންނަނީ މިދެންނެވި ކަންކަން ދުވަހެއް ދުވަހަކަށް އިތުރު ވަމުން ދާތަނެވެ. އަޅުގަނޑު ދެކެނީ މިކަން މިހެންވުމަކީ އަޅުގަނޑުމެން ރައްޔިތުންގެ އިހުމާލުވެސް މިކަމުގައި އޮތްކަމެއް ކަމުގައެވެ. އެއްވެސް ހާލެއްގައި ރައްޔިތުންގެ ބޮލުގައި ތުހުމަތެއް އަޅުވަނީއެއްނޫނެވެ. އެހެނަސް އަޅުގަނޑަށް ފެންނަ ފެނުމުގައި ސިޔާސީ ވެރިން ވަޒީފާ ދޭނަމޭ ބުނެ ދައްކާ ދަޅަތަކުގައި ޖެހި އޭގެ ބޭނުމުގައި ދޭ ވޯޓެއް ކަމުގައި އަޅުގަނޑުމެންގެ ވޯޓު ދިނުމުގެ ހައްގު ބޭނުން ކުރުމާއި އަދި އިންތިޚާބު ނިމުމުން މި ވަޒީފާތައް ހޯދަން ޑިމާމްޑްކޮށް ސިއާސީ ނުފޫޒު ބޭނުންކޮށްގެން ވަޒީފާ ހޯދަން ފޫގަޅާފައި ތިބޭ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި ތިބޭކަމީ ދެބަސް ވެވެންނެތް ހަގީގަތެކެވެ. އިދި މިކަމުގެ ސަބަބުން ސިއާސީ ގޮތުން ނުފޫޒު ގަދަ މީހުންނަށް ވަޒީފާތަކާއި ކުޅެން މަޖުބޫރުވެ ނުވަތަ އެ ފުރުސަތު އެމީހުންނަށް ހަމަ އަޅުގަނޑުމެން އެބަ ހޯދައިދެމެވެ.

މީގެ ސަބަބުން ދިމާވާ ނެއެދެވޭ ކަންކަމުގެ ވާހަކަވެސް ކޮންމެވެސް ވަރަކަށް ދައްކާލަމާ ހިނގާށެވެ. ޝައްކެއް ނެތް ގޮތުގައި މައިންބަފައިންނާއި ސަރުކާރުން ތައުލީމަށާއި ތައުލީމީ ދާއިރާއަށް ގިނަގުނަ ޚަރަދުތަކެއް ކުރަމުން އަންނަނީ ކިޔަވައި ނިމިގެން ނިކުންނަ ކުއްޖަކީ ވަޒީފާއަށް ފުރިހަމަޔަށް ތައްޔާރުވެފައިވާ ގާބިލް ކުއްޖަކަށް ހެދުމަށެވެ. އެހެނަސް މިގައުމުގެ ކަންކަން މަތީގައި ބަޔާންވެދިޔަ މަގުން ހުރުމުގެ ސަބަބުން ކިތަންމެ ހުނަރުވެރިއަސް އަދި ގާބިލު ކުއްޖަކަށްވިޔަސް އެއަކުން ކުރާ ފައިދާއެއް ނޮއޮވެއެވެ. ގާބިލު ހުނަރުވެރި ކުއްޖާ ވަޒީފާގެ މައިދާނުން ބާކީވެގެންދަނީއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކިޔަވުމަކީ އަދުގެ ދަރިވަރުންނަށް އެހާ މުހިންމު ކަމަކަށް ނުވެއެވެ. ކިޔަވައިގެން ހުއްޓަސް ވަޒީފާއެއް ނުލިބެއެވެ. ވީއިރު ކިޔަވާނެ ބޭނުމެއް އެބައޮތް ހެއްޔެވެ. މިއީ މިހާރުގެ ގިނަ ކުދިންގެ ވިސނުމެވެ.

ސިޔާސީ ނުފޫޒު ވަޒީފާގެތެރެއަށް ވަނުމުން ދިމާވާ އެހެންކަމެއްވެސް އޮވެއެވެ. ސިއާސީ ނުފޫޒު ވަޒީފާގެ ތެރެއަށް ވަނުމުން ގިނަފަހަރަށް ވަޒީފާތަކަށް ހޮވެނީ އެކަމށް އެންމެ އެކަށޭނަ ގާބިލް މީހާއެއް ނޫނެވެ. އެހެންކަމުން މިގޮތަށް ވަޒީފާތަކަށް ނެގޭ މީހުންނަށް އެވަޒީފާގެ މަސްއޫލިއްޔަތު އޮންނަނީ ރަނގަޅަށް އަދާ ނުވެއެވެ. ހުނަރާއި ފެންވަރު އަދި ކަމާއިގުޅޭ ތައުލީމު ހުރި މީހާ ދޫކޮއްލައި މިކަންކަން ފުރިހަމަ ނުވާ މީހާ ވަޒީފާޔަށް ހޮވުމުގެ ސަބަބުންނެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ސަރުކާރު މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މައިގަނޑު ޒިންމާއަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކެއް ދިނުމެވެ. ވީއިރު މި ތަންތަނނުން ލިބެންވާ ޚިދުމަތްތައް އެޚިދުމަތްދޭން ތިބޭބައެއްގެ ގާބިލްކަން ނެތުމުގެ ސަބަބުން ނުލިބުމުން ނުވަތަ ލިބުންލަސްވެ އ ޚިދުމަތް ހޯދުން ތަކުލީފަކަށްވެ އޭގެ އެންމެ ބޮޑު އުނދަގުލާއި ދަތިކަން އާޚިރުގައި ތަހައްމަލް ކުރަންޖެހެނީ ހަމަ އަޅުގަނޑުމެން އާންމު ރައްޔިތުން ނޫންތޯއެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެ މުއައްސަސާއެއް ނުވަތަ އޮފީހެއްގެވެސް އެންމެ ފަހު ބަސް ބުނަން ހުންނަ މީހަކީ އޭރެއްގެ އޮންނަ ސަރުކާރުގެ ވިސްނުމުގެ މީހަކަށްވާންވާނެއެވެ. ސަބަބަކީ އެ ސަރުކާރުގެ ވިސްނުމާއި ތަފާތު ވިސްނުމެއް ގެންގުޅޭ މީހަކަށް އެސަރުކާރުގެ ސިޔާސަތު ކަމުނުދިޔުން އޮންނާނީ ވަރަށްވެސް ގާތުގައެވެ. އަދި ވެރިޔަކަށް ހުންނަ މީހަކަށް ކަމުނުދާ ސިޔާސަތެއް ތަންފީޒުކުރެވޭނެކަމަކަށް ނުވަތަ ކުރަން ފަސޭހަވާނެކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. ވީއިރު ސަރުކާރެއްގެ ސިޔާސަތު އެ ބޭނުންވާ ގޮތަކަށް ހިނގުމައްޓަކައި އެކަންކުރުމުގެ އާޚިރު ޒިންމާ އޮންނަ މީހަކީ އެ ވެރިކަމެއްގެ ސިއާސަތު ގަބޫލްކުރާ މީހަކަށް ވާންޖެހެއެވެ. މީގެ އިތުރުން މުއައްސަސާތަކުގައި އިސްވެރިޔާއަށްފަހު ދެން ހުންނަ ގިންތިތަކުގައި ތިބެނީ ސިޔާސީ ވިސްނުން ދިމާ ނުވިއަސް ޕްރޮފެޝަނަލް ކަމާއިއެކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭނެ މީހުންކަމުގައި ވާންޖެހެއެވެ. މިހެން ނުވެއްޖެނަމަ މީގެ ސަބަބުންވެސް މުއައްސަސާ ތަކުގެ މަސައްކަތްތަކަށް ބުރޫ އަރާނެއެވެ.

Maairi Online 2025