twitterviber whatsapp telegramfacebookyoutube instagram

ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއަށް ޤާނޫނު އަސާސީ މާއްދާއެއްގެ ގޮތުގައި ތައާރަފު ކުރަންވީ ވަގުތު އައިސް ޖެހިއްޖެ؟

Apr 20, 2025

ހަނދާނަށް އަންނަނީ 2012 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި އިންޑިއާގެ މައިސޫރުގައި ބެޗެލާސް އޮފް އާޓްސް އިން އިކޮނޮމިކްސް، ސޯޝިއޮލޮޖީ އަދި ޕޮލިޓިކަލް ސައިންސް ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި އޮރިއެންޓޭޝަނަށް ހާޒިރުވި ދުވަސް. މައިސޫރު ޔުނިވާސިޓީގެ މި ކޯސް އައުޓލައިން އަތައް ލިބުނު އިރު ފުރަތަމަ ސެމިސްޓާގައި ކިއަވަންޖެހޭ މާއްދާތަކުގެ ތެރޭގައި އިންޑިއަން ކޮންސްޓިޓިއުޝަން ކިއާ މާއްދާއެއް އޮތެވެ. އަޅުގަނޑުމެން ދިވެހި ކުދިންވެސް ހަމަ މި މާއްދާ ކިޔަވަންޖެހޭނެ ތޯ ހިތާހިތާ ސުވާލް ކުރެވުނެވެ. އަދި މިފަދަ މާއްދާއެއްގެ ބޭނުމަކީ ކޮބައިތޯވެސް ހިތައް އެރިއެވެ. މި މާއްދާގެ ފުރަތަމަ ކުލާހުގައި އެ މާއްދާ ކިއަވައިދޭން ދުރުވި ޓީޗަރާ ސުވާލު ކުރީމެވެ. އަސްލު މި މާއްދާ އަޅުގަނޑުމެން ދިވެހިން ކިޔަވަންޖެހޭތޯއާއި މީގެ ބޭނުމަކީ ކޮބައިތޯއެވެ؟ ޖަވާބުގައި ޓީޗަރު ވިދާޅުވީ ޑިގްރީ ޕްރޮގްރާމެއް ނިންމާލަން ތިން އަހަރު އިންޑިއާގައި ތިބޭއިރު އިންޑިއާގެ ގާނޫނުތަކުގެ މަފްހޫމު އިންޓަނޭޝަނަލް ސްޓޫޑެންޓުންނަށް އެނގުން ޖެހޭނެތީއެވެ.

އޭރު އާދައިގެ ގޮތަކަށް ލިބުނު ޖަވާބުގެ މަފްހޫމް އެހާ ރަނގަޅަށް ފަހުމު ނުވިއަސް މިއަނދު މިރާއްޖޭގެ ކަންކަން ހިނގަމުންދާ ގޮތާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދެކެވޭ ޤާނޫނީ ވާހަކަތަކާއި ކުރެވޭ ޖަދަލުތަކަށް ބަލާއިރު މިފަދަ މާއްދާއެއް ދިވެހި ތައުލީމީ ނިޒާމުގައިވެސް އޮންނަންޖެހޭ ކަމަށް މިހާރު ގަބޫލުކުރެވެއެވެ.

މިފަދަ މާއްދާއެއް ކިޔަވައި ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އޭގެ ޅަފަތުގައި އޮތް ޑިމޮކްރެސީއެއްގެ ބިންގާ ހަރުދަނާކޮށް ވަރުގަދަ ކުރުމެވެ. އެގޮތުން އިޖްމާލީ ގޮތެއްގައި ގިނަ ކުދިންތަކަކަށް މި މާއްދާ ކިޔަވައި ދެވުމުން ގާނޫނު އަސާސީގެ މައިގަނޑު އަސާސްތަކަށް އަންނަން އޮތް ޖީލުތައް އަހުލުވެރިވާނެއެވެ. މީގެއިތުރުން އަންނަން އޮތް ޖީލުތަކަކީ ގައުމުގެ އިދާރީ ހިންގުމުގެ ނިޒާމަށް އަހުލުވެރި ގާނޫނުން ލިއްބައިދޭ ހައްގުތަކާއި ގައުމުގެ އަފްރާދުންގެ ހައިސީޔަތުން އެމީހުންގެ ޒިންމާތަކަށް ލޯހުޅުވިފައިވާ ޖީލަކަށް ވެގެންދާނެއެވެ. އަދި ސިޔާސީވެރިން ޕޯޑިއަމްތަކުގައި ދައްކާހާ ދަޅަޔަކަށް ނުހެއްލި ހެވާއި ނުބައި ރަނގަޅަށް އެނގިތިބެ ވޯޓުދިނުންފަދަ މުހިންމު ޒިންމާތައް ފުރިހަމަ ގޮތުގައި އަދާ ކުރާ ޖީލެއް ބިނާކުރެވިގެންދާނެއެވެ. މީގެ ސަބަބުން ގައުމެގެ ސިޔާސީ އަދި އިޤްތިސާދީ ހަމަޖެހުން ގާއިމުވެގެންދާނެއެވެ.

މީގެއިތުރުން އަމަލީ ދިރިއުޅުމުގައި ދަރިވަރުންނަކީ އެމީހުންގެ ހައްގުތަކާއި ގާނޫނުން ލިއްބައިދޭ މިނިވަންކަމަށް އަހުލުވެރި އޭގެ އިންތަކާއި މިންތައް ފުރިހަމަޔަށް ފަހުމްވާ ބަޔަކަށް ވެގެންދާނެއެވެ. މީގެއިތުރުން އާންމު ދިރިއުޅުމުގައި އާއި ގައުމީ މަސްލަހަތު ހިމެނޭކަންކަމުގައި ހަމަޖެހިފައިވާ ގާނޫނީ ނިޒާމުގެ ތެރެއިން ކަންކަން ކުރަން ދަންނަ ޖީލެއް ބިނާކުރެވޭނެއެވެ. މިކަމުގެ ސަބަބުން ގާނޫނު އަސާސީގެ އެންމެ މުހިންމު އެއް އަސާސް ކަމުގައިވާ އިންސާފާ ހަމަހަމަ ކަން އަދި ދައުލަތުގެ އެންމެހައި ކަންކަން ހިންގަން ގާނޫނުތަކާއި ގަވާއިދު ތަކުގެ ތެރެއިން އެކަށައެޅިފައިވާ އެންމެހައި އިޖުރާއަތްތަކަކީ ކޮބައި ކަން އެނގި ކަންކަން ކުރުމުގައި މި އިޖުރާއަތުތައް ފުރިހަމަކުރާ ޖީލެއް ބިނާކުރެވޭނެއެވެ.

މިފަދަ މާއްދާއެއް ކިއަވައި ދިނުމުގެ އަނެއް ބޭނުމަކީ ބަދަލުވަމުން ބަވަނަ ވަމުން އަންނަ ދުނިޔެއެއްގައި ކުރިމަތިލާންޖެހޭ އެންމެހައި ކަންކަމަށް ތައްޔާރުވެ ގާނޫނުތަކަށާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެ މާހައުލެއް ގާއިމުކުރުމެވެ. އިންޓަނެޓް ފަދަ ޒަމާނީ އީޖާދުތަކާއެކު ދިރިއުޅެން މަޖުބޫރު ވެފައިވާ މިޒަމާނުގައި ޒިންމާދާރު ކަމާއެކު މި ވަސީލަތްތައް ބޭނުނުން ކުރުމާއި ސޯޝަލް މީޑިއާގެ ތަފާތު ވަސީލަތްތައް ބޭނުންކުރުމުގައި އަނެކާގެ ހައްގައް އުނިކަން ނުލިބޭނެހެން ބޭނުންކުރަން އެނގޭ ޖީލެއް އުފަންވެގެން އަންނާނެއެވެ. ހަމަމިއާއެކު ގައުމުގެ މިނިވަންކަމާ އިޤްތިސާދު ރައްކާތެރި ކުރުމަށް ބޭނުންވާ ގާނޫނުތަކާއި ގަވާއިދުތައް ފަރުމާ ކުރުމުގައި ބައިވެރިވެވޭފަދަ އަދި ބައިނަލް އަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކަށް ހޭލުންތެރި ޖީލެއް ބިނާކުރެވޭނެއެވެ. މި ކަންކަމުގެ ތެރެއިން ގައުމުގެ މިނިވަންކަމާ އިސްތިގްލާލު ހިމާޔަތްކުރުމުގެ ޒިންމާ އެންމެ ފުރިހަމަޔަށް އަދާ ކުރެވޭނެފަދަ ޖީލެއް ބިނާކުރެވޭނެއެވެ.

މިފަދަ މާއްދާއެއްގެ ބޭނުންތެރިކަން އޮތީ ހަމައެކަނި ގާނޫނީ ދާއިރާގެ ބޭފުޅުންނަށް ނޫންކަން ބަޔާންވެދިޔަ ކަންކަމުން އެނގިހާމަވެއެވެ. އާދެ. ގައުމުގެ ސިޔާސަތުތައް ކަނޑައަޅައި އެކަންކަން ތަންފީޒުކުރުމުގެ ޒިންމައާއި ހަވާލުވެ ތިއްބެވި ބޭފުޅުންގެ އިތުރުން އެކި ސިނާއަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ގާނޫނުގެ މައިގަނޑު އަސާސުތަކާއި މަސްދަރުތައް އެނގިގެންދިޔުމުގެ އިތުރަށް ގައުމު ބިނާކުރުމުގައި އެކި ރޮނގު ރޮނގުން ހަރަކާތްތެރިވާ ފަރާތްތަކަށް އެމީހުންގެ މަސައްކަތާއިގެން ކުރިޔަށް ދިޔުމުގައި ދިމާވާ ގާނޫނީ ގޮންޖެހުންތައް ގިރާކުރުމަށް ބޭނުންވާ އަސާސީ މައުލޫމާތު ލިބިގެންދާނެއެވެ. މީގެ އިތުރުން ޒިންމާދާރު ހޭލުންތެރި މުޖުތަމައުއެއްގެ ބިންގާ އެޅުމުގައި ގާނޫނު، އަސާސަކަށް ހެދިގެންދާނެއެވެ.

Maairi Online 2025