ދުނިޔޭގެ ކަންކަން ހިނގަމުން އަންނަ ގޮތާމެދު ވިސްނާ ފިކުރު ހިންގާލާއިރު ޔަގީންވެ ކަށަވަރުވާ އެއް ކަމަކީ އެއްވެސް ކަމެއް އެއްގޮތަކަށް ދެމި ނޮއޮންނަ ކަމެވެ. އިޖްތިމާއީ ކަންކަމާއި މުޖުތަމައުގެ އެންމެހައި ކަންކަން ދިރާސާކުރާ އިލްމުވެރިން ނުވަތަ ސޯޝިއޮލޮޖިސްޓުން އިއްތިފާގުވާ އެއް ކަމަކީ، ބަދަލަކީ މުޖުތަމައެއްގައި އަބަދުވެސް އޮންނަ ކަމެއް ކަމުގައެވެ. މިބަދަލްތަކަކީ އޭގެޒާތުގައި ގިނަދުވަހުން އަންނަ ބަދަލުތަކެކެވެ. ނުވަތަ މުޖުތަމެއްގެ ކަންކަން ބަދަލުވަމުން އަންނަނީ ލަސްލަހުން، ދިގު މުއްދަތެއްގެ ތެރޭގައެވެ. ނަމަވެސް މުޖުތަމައެއްގެ ތެރޭގައި ހިނގާ ޚާއްސަ ބައެއްކަންކަމުގެ ސަބަބުން މިފަދަ ބަދަލުތައް އައުން އަވަސްވެއެވެ. މާޒީގެ ތެރެއަށް ނަޒަރު ހިންގާލުމުން މިކަން ވަރަށް ރަނގަޅަށް ހާމަވެގެންދާނެއެވެ.
މިހާހިސާބުން އަމިއްލަ ނަފްސާއި ސުވާލުކޮށްލަމާ ހިނގާށެވެ! އާއިލީ ގުޅުންތަކަށް ފާއިތުވެ ދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި އައިސްފައިވަނީ ކޮންކަހަލަ ބަދަލުތަކެއްތޯއެވެ؟ ދޭދޭ މީހުންގެ މެދުގައި އޮތް އިސްލާމީ އުޚުއްވައްތެރިކަމުގެ ގުޅުން މިހާރު އޮތީ ކިހިނެތްބާވައެވެ؟ އޭގެބޭރުން އިޖްތިމާއީ ކަންކަމުގައި މުޖުތަމައުގެ އަފްރާދުންގެ ކިބައިން ލިބެމުން އައި އެއްބާރުލުން މީހާރު ލިބެނީ ކިހައިވަރަކަށްތޯއެވެ؟
އެއް ޒަމާނެއްގައި އާއިލާތެރޭގައި އޮންނަ ބަދަހިކަން ދެމެހެއްޓުމައްޓަކައި އަހަރެންގެ ވިސްނުން ބަދަލުކޮށްލަން ޖެހުނަސް އެކަންވެސް ކުރުމެވެ ނުވަތަ ގޮތްދޫކޮށްލުން ބޮޑުކަމަކަށް ނުވެއެވެ. ނަމަވެސް މިހާރު އެހެންތޯއެވެ؟ ސިޔާސީ ކަންކަމާއި އެހެނިހެން ކަންކަމުގައިވެސް އަޅުގަނޑުމެންނަށްޓަކައި އެތައް ގުރުބާނީއެއްވި މައިންބަފައިންނާ ޒުވާބުކޮށް އެދެފަރާތް ހިތުގައި ޖައްސާލެވެއެވެ. އެއްބަނޑު އެއްބަފާ އަޚުންނާއި ގުޅުންކަނޑާލައި އަނގައިން ނުބުނެ އެބަ ތިބެމުއެވެ. ޚިއާލުފައުޅު ކުރުމުގެ މިނިވަންކަން ފެހި ގާނޫނު އަސީސީ އިން ފުޅާކޮށް ލިއްބައި ދެއެވެ. އެހެނަސް އެ މިނިވަންކަމާއެކު މުޖުތަމައުގައި ދެން އުޅޭ އަޚުންނާއި އުޚްތުންގެ ހައްގުތަކެއްވެސް ހަމަ އެ ގާނޫނު އަސާސީއިން ކަށަވަރުކޮށްދެއެވެ. އެހެން ކަމުން ޚިއާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ތިމާގެ އަޚާޔާއި ދިމާލަށް ހިތުހުރިހާއެއްޗެއް ބުނާބުނުން އެއީ ތިމާޔަށް ލިއްބައެދޭ ގާނޫނީ ހައްގެކޭބުނެ ނިންމާލުން އެއީ އެންމެ ޒިންމާދާރުގޮތް ބާވައެވެ. މީގެއިތުރުން އިޖްތިމާއީ ކަންތައްތަކާއި އަވަށް ނުވަތަ ރަށުގެ ކުރިއެރުމަށްޓަކައި ކުރެވޭ ކަންކަމުގައި އެހީތެރިކަމަކަށް އެދި ގޮވާލެވޭހިނދު އަޅުގަނޑުމެންގެ ތެރެއިން އިޖާބަ ދެވެނީ ކިތައް މީހުންނަށްތޯއެވެ؟
މިހިސާބުން އުފެދޭ ސުވާލަކީ ފާއިތުވި ވިހިވަރަކަށް އަހަރު ދުވަހުގެތެރޭގައި އަޅުގަނޑުމެންގެ މުޖުތަމައުއަށް މިހާ ބޮޑު ބަދަލެއް މިއައީ ކީއްވެގެންތޯއެވެ؟ އަޅުގަނޑައް ގަބޫލުކުރެވޭ ގޮތުގައި އަޅުގަނޑުމެންގެ މުޖުތަމައުއަށް މިފަދަ ބޮޑެތި ބަދަލުތަކެއް އައި އެއް ސަބަބަކީ ތަސްދީގު ކުރެވުނު އައު ގާނޫނުއަސާސީއެވެ. ގާނޫނުއަސާސީ ތަސްދީގު ކުރެވުމާ ހިސާބުން އަޅުގަނޑުމެންނަށް ކުރިން ދުވަހަކުވެސް ލިބިފައިނުވާ ވަރުގެ މިނިވަންކަމެއް ލިބިގެންދިޔައެވެ. ނަމަވެސް މި މިނިވަންކަމުގެ ބޭނުން އެންމެ ފުރިހަމަކަމާއި ޒިންމާދާރުކަމާއެކު ކުރުމަށް އަޅުގަނޑުމެން ތައްޔާރެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން މި މިނިވަންކަމުގެ ބޭނުން ހިފުން އައިލީ ހަމަޖެހުމައްވުރެ މުހިންމުވީއެވެ. އެހެންކަމުން މިނިވަންކަމގެ ނަމުގައި އަޅުގަނޑުމެންގެ ލޮބުވެތި މައިންބަފައިންގެ ހިތުގައި ޖައްސާލެވެމްވެސް ފެށުނީއެވެ. އަވައްޓެރިކަމުގެ ގުޅުންވެސް ކަނޑައިލެވުނީއެވެ. އިޖްތިމާއީ ކަންކަމަށް ގޮވައިލެވޭ ހިނދު ތިމަންނާމެންގެ ލާރިން މުސާރަދޭ ބަޔަކު ތިޔަ މަސައްކަތައް އިންތިޚާބު ކުރީމޭބުނެ އެފަދަ ކަންކަމުން އެއްކިބާވެވެން ފެށުނީއެވެ.
މުޖުތަމައުގެ އަފްރާދުންގެ ހައިސިއްޔަތުން އެ މުޖުތަމައުގެ ކުރިއެރުމާއި އެ މުޖުތަމައުގައި ދިރިއުޅޭ އެންމެހައި ފަރުދުންގެ ކުރިއެރުމަށް ކުރެވޭ ކަންކަމުގައި ތިމާގެ ބައިވެރިވުން އޮންނަން ޖެހޭކަން ހަނދާން ނައްތާލެވުނީއެވެ. މިކަން ހަނދާންނެތުމުގެ ސަބަބުން ކަމެއް ގޯސްކޮށްދާ ކޮންމެފަހަރަކު އަނެކާގެ ކުށް ދައްކަންފެށުނީއެވެ، ނުވަތަ ފަރުދީ ޒިންމާއެއީ އޮންނަ އެއްޗެއްކަން ހަނދާން ނެތުނީއެވެ.
އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މުއައްސަސާތަކެއް ހުރުމާއި ދައުލަތުން ބަޖެޓް ދިނުމަކީ ފަރުދީ ޒިންމާ ނެތިގެންދިޔުމެއްނޫނެވެ. މުޖުތަމައެއްގެ އެންމެ މުހިންމު ހިއްސާދާރުންނަކީ އެ މުޖުތމައެއްގައި ދިރިއުޅޭ އަފްރާދުންނެވެ. އަދި އެ މުޖުތަމައެއްގެ ދުޅަހެޔޮކަން ބިނާވެފައި އޮންނާނީ އެ މުޖުތަމައެއްގެ އަފްރާދުންގެ ޒިންމާދާރުކަމާއި އިޖްތިމާއީ ކަންކަމުގައި ބައިވެރިވުން އޮންނަ މިންވަރެއްގެ މައްޗަށެވެ. އަދިކިއެއްތަ! ބަޔާންވެދިޔަ ކަންކަމުގެ ނަތީޖާއަކައްވީ އަޅުގަނޑުމެން އުޅެމުން އައި އެއްބައިވަންތަ އުޚުއްވަތްތެރި އެކަކު އަނެކަކަށްއަޅާލާ ދިރިއުޅުން މާޒީއާއެކުވެ ދިޔައީއެވެ. އެހެނަސް ރަށާއި ގައުމަށް ކުރިއެރުމާއި ލާބަޔާއި މަންފާހުރި ގޮތަކީ އަޅުގަނޑުމެން އެކީ އެއް އަމާޒަކަށް މަސައްކަތް ކުރުން ކަމުގައި ދެކެމެވެ.