ދުނިޔެ ކުރިއަރައި ބަވަނަވެ އިގްތިސާދީ ރޮނގުން އާއުސްމިންތަކަކަށް ވާސިލްވަމުންދާ ދުވަސްވަރެއްގައި މުޖުތަމައުގެ ކަން ހިނގަމުން އަންނަ ނިޒާމަށްވެސް މިއަންނަނީ މީގެކުރިން ބަޔަކު ހިތައްވެސް ނުގެންނަފަދަ ބޮޑެތި ބަދަލްތަކެއް އަންނަމުންނެވެ. އެގޮތުން ކާބަފައިންގެ ޒަމާނުއްސުރެ ގަބޫލްކުރާ ގަބޫލްކުރުންތަކާއި ކަންކުރަމުން އަންނަގޮތްތައް އަންނަނީ ބަދަލުވަމުންނެވެ. އަދި ކިއެއްތަ ދީނީ ކަންކަމާއި އާއިލީ ގުޅުންތަކުގެ އިތުރުން އާދަކާދަ އާއި ސަގާފަތް ދަނީ ބަދަލްވަމުންނެވެ. ބައެއް ފަހަރަށް ކުރިން ކަންކުރަމުން އައި ގޮތަށްވުރެ ރަނގަޅު ގޮތްތަކެކެވެ. އަނެއްބައި ފަހަރަށް މީގެ އިދިކޮޅެވެ.
މިހާހިސާބުން އުފެދޭސުވާލަކީ މިފަދަ ބަދަލްތަކެއް ދިރިއުޅުމުގެ ނިޒާމަށް އަންނަންޖެހޭ ސަބަބަކީ ކޮބައިތޯއެވެ؟ މިސުވާލަށް ޖަވާބުދޭން ބަލާއިރު އިޖުތިމާއީ އިލްމުވެރިން އިއްތިފާގުވާއެއްކަމަކީ މިބަދަލްތަކުގެ ފެށުމަކީ 1789 ވަނައަހަރާއި 1799 ވަނަ އަހަރާ ދެމެދު ހިނގާދިޔަ ފަރަންސޭސީ އިންގިލާބާއި 1760 އާއި 1840 ދެމެދު ދުނިޔެއަށް އައި ސިނާއީ އިންގިލާބެވެ. އާދެ! ފްރެންޗް ރެވޮލިއުށަން އާއި އިންޑަސްޓްރިއަލް ރެވޮލިއުޝަންއެވެ. ފަރަންސޭސީ އިންގިލާބަކީ އޭރު ދުނިޔޭގައި އޮތް ވެރިކަން ކުރުމުގެ ނިޒާމު ކަމުގައިވާ ވިރާސީ ރަސްކަންތައް ނިމި ޑިމޮކްރެޓިކް ނިޒާމުތައް ގާއިމުވެ އޭރު ރައްޔިތުން ދުވަހަކު ހުވަފެނުންވެސް ނުދެކޭ ބާރުތަކަކާއި އިޚްތިއާރާއި ހައްގުތަކެއް ރައްޔިތުންގެ އަތްމައްޗަށް ގެނެސްދިން އިންގިލާބެއްގެ ފެށުމެވެ. ހަމަމިއާއެކު ސިނާއީ އިންގިލާބު ނުވަތަ އިންޑަސްޓްރިއަލް ރެވޮލިއުޝަން އަކީ ދުނިޔޭގައި އޭރުއޮތް މުސްކުޅި އުފެއްދުންތެރިކަމުގެ ނިޒާމުގެތެރެއަށް ޒަމާނީ ވަސީލަތްތައް ނޭވާލި އިންގިލާބެކެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އުފެއްދުންތެރިކަން އިތުރުވެ، މުޅިދުނިޔެ ފަގީރުކަމުން ފުދުންތެރިކަމާއި ދިމާލައް މިސްރާބު ޖެހިއެވެ.
މިހިސާބުން ދަނޑުވެރިކަން ކޮށް އަމިއްލަމީހާއާއި އާއިލާގެ ޒަރޫރަތްތައް ފުއްދަމުންދިޔަ އިންސާނާ ސިނާއީމަސައްކަތުގެ ތެރެއަށްވަދެގަނެ ހެޔޮވަރުވަރަކަށް ފުދިގެންއުޅޭ މީހަކަށް ވެގެންދިޔައެވެ. މީގެ ނަތީޖާއަކީ ދެތިންޖީލެއް އެއްފުރާޅެއްގެ ދަށުގައި އުޅެމުންއައި ބޮޑެތި އާއިލާތައް ދެމަފިރިން އެކަނި ނުވަތަ ދެމަފިރިންނާއި އެމީހުންގެ ދަރިން އެކުގައި އުޅޭކުޑަ އާއިލާއަކަށް ބަދަލުވުމެވެ. މިހެންވާންޖެހޭ އެއް ސަބަބަކީ އިންސާނާ މުދަލާއި ފައިސާ ހޯދައި އެއްކޮށް ދުނިޔެވީ އުފާތަކާއި ދިމާލައް މިސްރާބުޖެހުމެވެ. މުދާހޯދުމުގައި އިންސާނާ މަޝްއޫލުވެ ދެމަފިރިން ވަޒީފާޔައްދާން ފެށިއެވެ، އަދި ކުރީއްސުރެ އޮންނަ އާއިލީގުޅުންތަކަށް ދެވޭ އަހައްމިއްޔަތު ނުދެވި އެ ގުޅުންތައް ހީނަރުވާންފެށިއެވެ. މައިން ބަފައިންނަށް ކަމޭހިތުން ކުޑަވެގެންދިޔައެވެ، ދީނާއި އާދަކާދައާއި ކާބަފައިން ދިރިއުޅުމުގައި ގެންގުޅުނު ރިވެތިއާދަތަކާއި ބީރައްޓެހި މީހެއްކަމުގައި އިންސާނާވިއެވެ.
މީގެއިތުރުން ވިޔަފާރިއާއި އިގްތިސާދުތައް ފުޅާވެގެންގޮސް މުޅިދުނިޔެއަކީ އެކައްޗަކަށްވާ ހިސާބަށް ކުރިއަރާދަނީއެވެ، އިގްތިސާދީގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުންނެވެ، މީގެނަތީޖާއެއްގެ ގޮތުން އިންޓަނެޓާއި ޓީވީ އަކީ މިހާރު ކޮންމެގޭއެއްގައި ހުރުން ލާޒިމް އެއްޗެހިތަކެކެވެ. މީގެސަބަބުން ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާއިރު، ނެއެދެވޭ އަސަރުތަކެއްވެސް މިވަސީލަތްތަކުގެ ސަބަބުން ކުރެއެވެ. އެގޮތުން ދުނިޔޭގެ ކަންކޮޅުތަކުގައި މީހުން އުޅޭ ގޮތާއި އެމީހުންގެ ގުޅުންތައް ބައްޓަންވެފައިވާ ގޮތް ފެނި އެގޮތްތަކަކީ އަޅުގަނޑުމެންނަށް ރީތިގޮތްތަކަކަށް ވެއްޖެއެވެ. އަދި އެގޮތްތަކައް އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތައް ބަދަލުވާން ފަށައިފިއެވެ. ކާބަފައިންގެ އާދަކާދަތައް ދޫކޮށްލެވެނީއެވެ. މައިންބަފައިންނަށް ކުރާ ގަދަރާއި އިޚްތިރާމު ނެތިގޮސް މައިންބަފައިންނަށް ކަމޭހިތުމުގެ ރީތިއާދަ ނެތިގެންދަނީއެވެ.
އިލްމު އުނގަންނައި ދިނުމުންފެށިގެންގޮސް އިޖްތިމާއީ ގުޅުންތަކާއި އާއިލީ ގުޅުންތައްވެސް ކޮމާޝިއަލައިޒްވީއެވެ. ނުވަތަ މިފަދަ ގުޅުންތައްވެސް ވިޔަފާރި މުއާމަލާތަކަށް ވެގެންދަނީއެވެ. ދީނީ ކަންކަމާއި ދުރަށްދެވެނީއެވެ. ނަތީޖާއެއްގެ ގޮތުން ކުށްގިނަވެ ދުނިޔެއަކީ ހަމަނުޖެހުންބޮޑު ލާދީނީއަމަލްތަކުން ފުރިގެންވާތަނަކަށް ވަމުންދާ މަންޒަރު ބަލާލި ކޮންމެ ދިމާލަކުން ފެންނަން ފަށައިފިއެވެ. އަދި ނުރައްކާތެރި ބަލިތައް އާންމުވަމުންދާ މިންވަރު އިތުރުވެއްޖެއެވެ.
ބަޔާނެވެދިޔައީ އަޅުގަނޑުމެން އިގްތިސާދީ ގޮތުން ފުދުންތެރިބަޔަކައް ވެ މާއްދީޔަތާ ދިމާލަށް މާބޮޑަށް ދިޔުމުގެ ސަބަބުން ދުނިޔެއަށާއި އަހަރުމެންގެ ދިރއުޅުމަށް އައި ބަދަލްތަކުގެ ކުޑަ މިންވަރެކެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ބަވަނަވަމުން ބަދަލުވަމުން އަންނަ ދުނިޔެއެއްގައި އިގްތިސާދީ ގޮތުން ފުދުންތެރިބަޔަކަށްވެ، އާ ހަރުފަތްތަކަކަށް ވާސިލްވަމުން އަންނައިރު އަޅުގަނޑުމެންގެ އިޖްތިމާއީ ފޭރާމަށް ކުރާ ނެއެދެވޭ އަސަރުގެ ކުޑަ މިންވަރެކެވެ.
އާދެ! އަޅުގަނޑުމެންގެ ދިނާއި އާދަކާދަ އަދި ފަރުދީގުޅުންތަކާއި ސަގާފަތާއި އަޅުގަނޑުމެންގެ ތެރޭގައި އޮތް ހަމަޖެހުމާއި އެއްބައެއްވަންތަކަން މިވަނީ އިގްތިސާދީ ކުރިއެރުމުގެ އަގެއްގެ ގޮތުގައި ދައްކަންޖެހިފައެވެ. މިއީ ފަރުދީ ހައިސިއްޔަތުންނާއި ގައުމީ ލެވެލްގައި ދިވެހި ރައްޔިތުންނާއި މުޅި ދިވެހިގައުމުވެސް މިކަމާއި މެދު ވިސނާލުން މުހިންމު ކަމެކެވެ.