ފުވައްމުލަކުގައި މަސައްކަތް ކުރަމުންދާ ސްރީލަންކާގެ ރައްޔިތެއް އިސްލާމް ދީން ޤަބޫލުކޮށް އިސްލާމް ދީނަށް ވަދެއްޖެއެވެ.
ޢުމުރުން ސާޅީސް އަހަރުގެ ލާދަން ނަމަކަށް ކިޔާ އޭނާ ކުރިން އުޅެމުން ގޮސްފައިވާ ހިންދޫ ދީން ދޫކޮށްލުމަށްފަހު އިސްލާމް ދީން ޤަބޫލުކޮށް ޝަހާދަތް ކިޔާފައިވަނީ މިރޭ މަޣްރިބް ނަމާދަށްފަހު ފުވައްމުލަކު އައިޑިއަލް ޕްރީސްކޫލުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ލާދަން އިސްލާމްވުމަށްޓަކައި އޭނާއަށް ޝަހާދަތް ލައިދެއްވީ ފުވައްމުލަކުގެ ޝޭޚެއް ކަމަށްވާ ފަޟީލަތުއްޝައިޚް މުޙައްމަދު ރަފީޤެވެ. ލާދަން އަށް ޝަހާދަތް ލައިދިނުމަށްފަހު ފަޟީލަތުއް ޝައިޚް މުޙައްމަދު ރަފީޤުގެ ބެލުމުގެ ދަށުން އޭނާއަށް އިސްލާމްދީނުގެ އަސާސީ ބައެއް ރުކުންތަކުގެ މަޢުލޫމާތު ވަނީދީފައެވެ. އެގޮތުން އޭނާއަށް ވުޟޫޢު ކުރާނެގޮތް ކިޔައިދީ ނަމާދު ކުރާނެގޮތްވެސް ވަނީ ކިޔައިދީފައެވެ.
އިސްލާމްވުމަށްފަހު ލާދަން ބުނީ އޭނާ އިސްލާމް ދީން ޤަބޫލުކުރީ އެކަމުގެ ޝައުޤު އޭނާގެ ހިތުތެރޭގައި އުފެދިގެންކަމަށާއި އިސްލާމްދީނާމެދު އޭނާ ވިސްނަންފެށީ އިއްޔެއަކު މިއަދަކު ނޫންކަމުގައެވެ. ފުވައްމުލަކުގެ ކޮންސްޓްރަކްޝަން ކުންފުންޏެއްކަމަށްވާ ރިޝްތާ ކުންފުނީގައި މޭސަނެއްގެ ވަޒީފާ އަދާ ކުރަމުންދާ ލާދަން ބުނީ އޭނާގެ ނަންވެސް ބަދަލުކުރާނެކަމަށާއި އެހެންނަމަވެސް ބަދަލު ކުރާނެ ނަމެއް ކަނޑައަޅާނީ ލަންކާގައި ތިބި އޭނާގެ ޢާއިލާއާއި މަޝްވަރާ ކުރުމަށްފަހުގައި ކަމުގައެވެ.
ލާދަންއަށް އިސްލާމް ދީނަށް ވަނުމަށް ދަޢުވަތު ދިނީ އޭނާ މަސައްކަތްކުރާ ރިޝްތާ ކުންފުނީގެ ސުޕައިޒަރު އިބްރާހިމް ސަޢީދު (ބިއުޓީ) ކަމަށް އޭނާ ބުނެއެވެ.
އިބްރާހިމް ސައީދުބުނީ ލާދަން އިސްލާމްވުމުގެ ކުރިންވެސް އިސްލާމް ދީނަށް ޝައުޤުވެރިކަން ހުންނަކަން އޭނަގެ ބަހުންނާއި ޢަމަލުން އެނގިފައިވާ ކަމުގައެވެ.
ލާދަންއަށް އިސްލާމް ދީނަށް ގޮވާލި ގޮތާބެހޭ ގޮތުން ވާހަކަދައްކަމުން އިބްރާހިމް ސަޢީދު ބުނީ ލާދަންގެ އަތުގެ ހުޅަށް ތަދުވާތީ އޭނާ ގޮވައިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގޮސް އެކްސްރޭއެއް ނަގަން އުޅުމުގެ ތެރޭގައި އޭނާ ދެއްކި ބައެއް ވާހަކަތަކަށް ބަލާފައި އޭނާއަށް އިސްލާމް ވުމަށް ގޮވާލީ ކަމަށާއި އިސްލާމްދީނަށް ގޮވާލުމުން އޭނާ އެކަން ޤަބޫލު ކުރީކަމުގައެވެ.
ލާދަން އިސްލާމްވިއިރު އޭނާ އުޅެނީ ކައިވެންޏެއް ކޮށްގެން ކަމަށާއި އޭނާގެ 3 ކުދިން ދުނިޔޭގައި އެބަތިބިކަމަށް އޭނާބުންޏެވެ. ލާދަން ބުނީ އިސްލާމްދީނަކީ އޭނާއަށް އާ ދީނެއް ނޫންކަމަށާއި އޭނާގެ މަންމައަކީ މުސްލިމެއްކަމަށާއި މަންމަގެ ޢާއިލާއަކީވެސް މުސްލިމް ޢާޢިލާއެއްކަމުގައެވެ. އަދި އޭނާގެ މަންމަފަރާތުގެ ބޮޑުބޭބެއަކީ މުސްލިމް ޝައިޚެއްކަމަށާއި ލާދަން އެންމެ ފުރަތަމަ އިސްލާމް ދީނާ މެދު ވިސްނަންފެށީ އޭނާ ކުޑައިރު ޖިންނި އަވަލައިގެން އުޅެނިކޮށް އެކަމުން އޭނާ ސަލާމަތް ކޮށްދިނީ އޭނާގެ މަންމަފަރާތުގެ ބޮޑުބޭބެ ފަންޑިތަ ހަދައިގެން ކަމުގައެވެ.
ލާދަން ބުނީ އޭނާ ޤައުމަށް ގޮސް އޭނާގެ އަންހެނުންނާއި ދަރިންވެސް އިސްލާމްދީނަށް ވަށްދާނެކަމަށާއި އެހެންނަމަވެސް އެކަން ކުރުމަށް އެއްވެސް ނޫފޫޒެއް (ފޯސްއެއް) ނުކުރާނެކަމުގައެވެ. ލާދަން އިސްލާމް ވުމާ ގުޅިގެން އޭނާއަށް އެހީތެރިވުމަށްޓަކައި ފުވައްމުލަކުގައި ތިބި އިސްލާމް ދީނުގެ ރޫހު އާލާކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ޒުވާނުންކޮޅެއް އިސްނަގައިގެން ފުވައްމުލަކުގައި ފަންޑު ފޮސްޓެއްވެސް މިރޭ ވަނީ ހުޅުވާފައެވެ. އޭނާއަށް އެހީވުމަށް ހުޅުވި ފަންޑު ފޮށި ބަހައްޓާފައިވަނީ ފުވައްމުލަކު ސިތާނާ ސްޓޯރުގައި ކަމަށް މި ފަންޑު ފޮށި ހުޅުވި ޒުވާނުން މަޢުލޫމާތުދިއެވެ.
ލާދަން އިސްލާމްވުމަށްޓަކައި ފުވައްމުލަކުގެ އައިޑިއަލް ޕްރީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތަށްފަހު އޭނާއަށް ޝަހާދަތްލައިދެއްވި ފަޟީލަތުއްޝެއިޚް މުޙައްމަދު ރަފީޤް ވަނީ ލާދަންއަށް ހުރިހައި ގޮތަކުންވެސް އެހީތެރިވުމަށް އެތަނަށް ހާޒިރުވެތިބި އެންމެހައި ފަރާތްތަކަށާއި ފުވައްމުލަކުގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.