އެއަރޕޯޓް ހުޅުވުމަށްޓަކައި އެއަރޕޯޓް ސަރަހައްދު ލޭންޑްސްކޭޕްކޮށް، ގަސް އިންދާ ރީތިކުރުމަށް ފުލުހުންނާއި ފުވައްމުލަކު ރައްޔިތުން ކުރަމުންދާ މަސައްކަތަށް ގެއްލުންވާފަދަ އެއްވެސް އަމަލެއް އެއްވެސްފަރާތަކުން ނުކުރުމަށް ފުވައްމުލަކު ގައުމީ އިދާރައިގެ ސްޓޭޓް ސެކްރެޓަރީ އިބުރާހިމް ހުޒާމް އިލްތިމާސް ކުރައްވައިފިއެވެ.
ހުޒާމް މިކަމަށް އިލްތިމާސް ކުރައްވާފައިމިވަނީ އެއަރޕޯޓް ސާފުކުރުމާއި، ލޭންޑްސްކޭޕް ކުރުމާއި، ސަރަހައްދުގައި ގަސް އިންދާ ރީތިކުރުމަށް ފުލުހުންނާއި ފުވައްމުލަކު ރައްޔިތުން ކުރަމުންދާ މަސައްކަތުގެ ދަށުން އިންދާފައިވާ ކަދުރު ރުކަކަށް ބަޔަކު ވަރަށް ބޮޑަށް ގެއްލުން ދިނުމާ ގުޅިގެންނެވެ. ހުޒާމް ވިދާޅުވީ އެއަރޕޯޓްގެ މަސައްކަތް ރޭ ދަންވަރު ނިއްމައިލިފަހުން އެސަރަހައްދަން ބަޔަކު ވަދެ ރުކަށް ގެއްލުން ދީފައިވާކަމުގައެވެ. މި އަމަލް ވަރަށް ބޮޑަށް އޭނާވަނީ ކުއްވެރިކުރައްވައިފައެވެ.
ފުވައްމުލަކު އެއަރޕޯޓަކީ ފުވައްމުލަކު ހުރިހާ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ތަނެއްކަން ފާހަގަކުރައްވަމުން ހުޒާމު ވިދާޅުވީ އައރޕޯޓް ނިއްމުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ފުވައްމުލަކުގެ އެންމެހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާ ދަނޑިވަޅެއްގައި މިފަދަ އަމަލެއް ބަޔަކު ހިންގުމަކީ ހިތާމަކުރައްވާ ކަމެއްކަމުގައެވެ.
އެއަރޕޯޓް ސަރަހައްދުން ކުނިނަގައި ސާފުކުރުމަށް ފުވައްމުލަކު ހުރިހާ އަވަށްތަކެއް ބައިވެރިވެގެންވަނީ މަސައްކަތް ކޮށްފައެވެ. އެއަރޕޯޓް ސަރަހައްދުގެ ލޭންޑް ސްކޭޕްކޮށް، އެތެރޭގެ މަގުތައް ހަދައި، ގަސް އިންދާ ރީތި ކުރުމުގައި ފުލުހުން ގެންދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެއަރޕޯޓްގެ ހުރިހާ މަސައްކަތެއް އައްނަ ހޯމަ ދުވަހުގެ ކުރިން ނިންމުމަށްފަހު ނޮވެންބަރު ތިނެއްގައި ރަސްމީކޮށް އެއަރޕޯޓް ހުޅުވުމަށް އެސްޓީއޯއިން އައްނަނީ މަސައްކަތް ކުރަމުންނެވެ.