ސަދަންޔުޓިލިޓީސް އާއިހަވާލުކުރައްވައިގެން ސަރުކާރުން ފުވައްމުލަކުގައި ގާއަތުރައިގެން ރަނގަޅުފެނަވަރަކަށް ހަދަން ނިންމަވާފައިވާ 1.9 ކިލޯމޓީޓަރުގެ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެހަވީރު ފަށާއިފިއެވެ.
އިއްޔެ ހަވީރު މަސައްކަތް ފަށާފައިވަނީ ޖަމާލުއްދީނު ނައިބުތުއްތު މަގުގެ، ކްރިކްޓް ސްޓޭޑިއަމާއި އިންވެގެން އޮތްބައެވެ. މިއީ 1.9 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަޝްރޫއުގައި ކުރިން ހިމަނާފައިނުވާ ސަރަހައްދެކެވެ. ކައްޓެޅިއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ސަދަން ޔުޓިލިޓީސް ލިމިޓެޑްގެ ޗެއާމަން އަހުމަދު ޒަރީރު ވިދާޅުވީ މިއަދު ހަވީރަށް މަގުގެ މިބައިގައި ގާއެތުރުމުގެ މަސައްކަތް ނިންމާލަން ގަސްދުކުރެވިފައިވާކަމުގައެވެ.
2003 ވަނައަހަރު އޮތް ފުވައްމުލަކު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތާއި ދިމާކޮށް ނާއިބުތުއްތު މަގު ބަނދަރުން ފެށިގެން ޣާޒީމަގާއި ހަމަޔަށް ވަނީ ތާރު އަޅައިގެން ރަނގަޅު ފެންވަރަށް ހަދާފައެވެ. އަދި އެހިސާބުން ފެށިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ހަމަޔަށް ވަނީ ގާއަތުރައިގެން ރަނގަޅު ފެންވަރަށް ހަދައިފައެވެ. ޒަރީރު ވިދާޅުވީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ކްރިކެޓް ސްޓޭޑިއަމާއި ދޭތެރޭ އޮތް ތަންކޮޅުވެސް މި 1.9 ކިލޯމީޓާރު ގެތެރޭގައި ހިމެނިގެން ގަޅުފެންވަރަކަށް ހެދިގެންދާނޭކަމުގައެވެ . ނަމަވެސް އެބައިގެ މަސައްކަތް ކުރަން ރޭވިފައިވަނީ ތަންކޮޅެއް ފަހުންކަމުގައެވެ.
ޒަރީރު އިތުރަށް ވިދާޅުވީ މާދަމާ ޣާޒީމަގު (ހެރަހަމަގޮ)ގައި ގާއަތުރައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތްވެސް ފެށިގެންދާނޭކަމުގައެވެ.
" މިއީ ސަރުކާރުން ހައްދަވަން ނިންމާފައިވާ 1.9 ކިލޯމީޓަރު މަގުހެދުމުގެ ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދެވޭ ކަމެއް. ސާކްސަމިޓާއި ގުޅިގެން އިސްކަމެއް ދެވިފައި މިއޮތީ މިމަގާ (ނައިބު ތުއްތު މަގުގެ ކްރިކެޓް ސްޓޭޑިއަމާއި ދިމާލަށް އޮތް ބައި) ހުރަސްމަގު (ޣާޒީމަގު) އަވަހަށް ނިންމުމަށް، މިބައި މިއޮތީ ފެށިފައި ހުރަސްމަގުގެ މަސައްކަތްވެސް މާދަމާފެށޭނެ" ޒަރީރު ވިދާޅުވިއެވެ.
ފުވައްނުލަކުގައި 1.9 ކިލޯމީޓަރު މަގު ހެދުމުގެ ޕްރޮޖެކްޓް ކުރިޔަށް ގެންދިއުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ 25 މީހަކު ރެކަރޫޓް ކުރެވިފައިވާކަމަށާއި އެމީހުންވެސް މާދަމާއިން ފެށިގެން މަސައްކަތައް ނިކުންނާނޭކަމަށް ޒަރީރު މައުލޫމާތު ދެއްވިއެވެ.
މަގު ހެދުމުގެ މަސައްކަތް މިވަގުތު ކުރިޔަށް ގެންދަނީ ކާނު އަދި ދުވާރުވެސް ނުހަދައެވެ. ހަމަ އެކަނި ގާ އަތުރައިގެން މަގު ހަދާ ގޮތަށެވެ. ޒަރީރު ވިދާޅުވީ މިވަގުތަށް މިގޮތަށް މަސައްކަތް ކުރިޔަށް ގެންދިޔަނަމަވެސް ޕްރޮޖެކްޓް އެއްކޮށް ނިމޭއިރު އެބައިތައްވެސް ނިމިފައި ހުންނާނޭކަމުގައެވެ.
މަގު ހެދުމަށް މި ފެށި މަސައްކަތް 1.9 ކިލޯ މީޓަރުގެ މަގު ހެދުމުގެ ޕްރޮޖެކްޓްގެދަށުން ހެދުމަށް ހަމަޖެހިފައިވާ ހުރިހާ މަގެއް ހަދާ ނިމެންދެން ކުރިޔަށް ގެންދިއުމަށް ސަދަން ޔުޓިލިޓީސް އިންވަނީ ނިއްމައިފައެވެ. 1.9 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަޝްރޫއުގައި ޣާޒީ މަގުގެ އިތުރުން ހެދުމަށް ހަމަޖެހިފައިވަނީ ނައިބު ތުއްތުމަގުން ފެށިގެން އެފްއެސް އާއި ހަމަޔަށާއި، ނައިބު ތުއްތު މަގުން ފެށިގެން ހާފިޒް އަހުމަދު ސްކޫލާއި ހަމަޔަށާއި އަދި ނައިބުތުއްތު މަގުންފެށިގެން ފީނދި ފަންނު މަގުން ގޮސް ތައުލީމީ މަރުކަޒާއި ރަސްމީ ބޯޅަދަނޑު ވަށައިގެން އަދި ނަރުގިސްމަގު އަތޮޅުގޭގެ އާއިމާރާތާ ހަމަޔަށެވެ.
ފުވައްމުލަކުގެ މަގުތަކުގައި އަތުރަން ބޭނުންވާ ގާވެސް މިހާރުވަނީ ގެންނަން ފަށާފައެވެ. އަދި އެކަމަށް ބޭނުންވާ ގްރޭޑަރާއި އެހެނިހެން ތަކެތިވެސް ލަސްނުވެ ފުވައްމުލަކާއި ހަމަޔަށް ގެނެވޭނޭ ކަމަށް ފުވައްމުލަކު ގައުމީ އިދާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި ސްޓޭޓް ސެކްރެޓަރީ އިބްރާހިމް ހުޒާމު ވިދާޅުވިއެވެ. ހުޒާމު އިތުރަށް ވިދާޅުވީ ސާކްސަމިޓާއި ދޭތެރޭ ވަރަށް ވަގުތު ކުޑަތަން ވެފައިވުމާއި އެކު ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް މި މަސައްކަތަށް ބޭނުންވާކަމުގައެވެ. އެހެންކަމުން އަމަލީގޮތުން މިކަމުގައި އެހީތރިވެދެވިދާނޭ ފަރާތްތަކުގެ އިސްނެގުމަށް މަރުހަބާ ކިޔާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.